
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފި އެވެ.
އެ ބަދަލާ އެކު، ބ. އޭދަފުށި، ގއ. ވިލިނގިލި އަދި ރ. މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި އޭދަފުށި ދާއިރާ ހަދާފައިވަނީ އޭދަފުށި، ހިތާދޫ އަދި މާޅޮސް ހިމަނައިގެންނެވެ.
އޭދަފުށި ވަކި ދާއިރާއަކަށް ހެދުމުން ބ. އަތޮޅުގެ ރަށްތައް ދާއިރާތަކަށް ބެހިގެންދާ ގޮތް ބަދަލުވެ ބ. އަތޮޅުގައި އާ ނަމެއްގައި އާ ދާއިރާއެއްވެސް އުފެދިގެންދެ އެވެ. އެގޮތުން އޭދަފުށި ދާއިރާގައި މިހާރު ހިމެނޭ ހިތާދޫ، އޭދަފުށި ދާއިރާ އިން ވަކިކޮށް ހިތާދޫ ދާއިރާ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ހިތާދޫ ދާއިރާގައި ހިމެނެނީ ހިތާދޫ، މާޅޮސް އަދި ދަރަވަންދޫ އެވެ. ދަރަވަންދޫ އަކީ މިހާރު ކެންދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި ކެންދޫ ދާއިރާގައި ދެން ހިމެނޭނީ ކެންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލު އެވެ. ބ. އަތޮޅުގައި މިހާރު އޮތ ތުޅާދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އީސީން އާންމުކުރި ރިޕޯޓުގައި ބުނީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ގޮނޑީގެ އަދަދަކީ 93 ކަމަށެވެ. އެހެންވެ، އެ އިންތިހާބުގައި އިތުރު ހަ ގޮނޑިއަށް މެމްބަރުން ވާދަކުރާނެ އެވެ. މިހާރު މަޖިލީހުގެ ގޮނޑީގެ އަދަދަކީ 87 އެވެ.
މި ރިޕޯޓަށް މިއަދުން ފެށިގެން، އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ.
މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.

