
މިއަދު ކުރިއަށް ދިޔަ ވާދަވެރި ރިޔާސީ އިންތިހާބުގައި އޭދަފުށިގައި ބެހެއްޓި 3 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާނު ކުރިއިރު ތަފާތު ބޮޑުކޮށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދައިފި އެވެ.
މިރަށުގަ ބެހެއްޓި ތިން ވޯޓު ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު މުއިއްޒު އަށް ލިބިފައިވަނީ 1042 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 66 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭދަފުށިން ލިބިފައިވަނީ 472 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 30 އިންސައްތަ އެވެ.
މިމަހު 9 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭދަފުށީގައި ބެހެއްޓި ތިން ފޮށިން ޑރ.މުއިއްޒު 874 ވޯޓު ލިބިވަަޑައިގެންފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 473 ވޯޓެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ އޭދަފުށީ ރައްޔިތުންނަށް މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށިންވެސް ޑރ. މުއިއްޒުވަނީ ކުރި ހޯއްދަވާފަ އެވެ. ދެފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޑރ.މުއިއްޒަށް 585 ވޯޓު ލިބިވަޑައިގެންފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 252ވޯޓެވެ.

