ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް: މުއިއްޒުގެ އޮފީސް

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުގެ މަސައްކަތް އެއްކޮށް ހުއްޓިދާނެ ކަމުގެ ކަންބޮޑުވުން އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ފާޅުކޮށްފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި، ސިލްސިލާކޮށް  ބާއްވަމުނގެންދާ ނޫސްވެރިންގެ ބައްދަލުވުތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ހޮސްޕިޓަލްތައް ހިންގަން ބޭނުންވާ ތަކެތި އަބަދު ވެސް ކުރިއާލާ ގަނެ، އޯޑަރު ދޭ ކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ގޮތަށް ބޭނުންވާ ތަކެތި އޯޑަރު ނުކުރެވި ހުރުމުގެ ސަބަބުން މިހާރު ހޮސްޕިޓަލްތައް ހިންގަމުން އަންނަނީ އެމަޖެންސީ ސްޓޮކްގައި ހުރި ތަކެތި ބޭނުން ކޮށްގެން ކަމަށެވެ.

ސިއްހީ ދާއިރާގައި އަމަލު ކުރާ އުސޫލަކީ ކޮންމެ އަހަރަކު ދެ ފަހަރު ތަކެއްޗަށް އޯޑަރު ދިނުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް އޯޑަރު ކޮށްފައިނުވާ ކަމަށާއި، އެ ކަމުގެ ސަބަބުން ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތް މިހާރު ވެސް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ތަކެއްޗަށް އޯޑަރު ނުކުރެވި ހުރި ސަބަބެއް ކަމަށް އިންތިގާލީ ކޮމިޓީތަކަށް ފާހަގަވެފައިވަނީ ބަޖެޓުގެ ތެރެއިން އެ ކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖެހިފައިނުވުންކަން ފިރުޒުލް ފާހަގަކުރެއްވާފައިވާއިރު، ހެލްތް މިނިސްޓްރީން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

އަދި މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުންކުރާނެ ތަކެތި އެބަހުރި ކަމަށާއި، އިތުރަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ފިނޭންސް މިނިސްޓްރީން އެޕްރޫވް ކުރިހާ އަވަހަކަށް ހަމަޖެހޭނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.