އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ރެޑްވޭވުން ހުޅުމާލޭގައި ހުޅުވި ސުޕަމާޓް އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އަހަރުގެ ކުރީކޮޅު ހުޅުވި ސުޕަމާޓް ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށެވެ. އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

ސަލީމުގެ ކުންފުނިން ހުޅުމާލޭގައި ހެދި ފިހާރަ އާއި ގުދަން އަތުލަން އެޗްޑީސީން ބުދަ ދުވަހު ނޯޓިސް ފޮނުވީ، ފިހާރަ އާއެކު ހުޅުވަން ނިންމާފައިވާ ކެފޭ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެވެ.

ސަލީމު ވިދާޅުވީ ފިހާރަ ކުއްޔަށް ހިފަން ހެދި އެގްރިމަންޓް ބުނާ ގޮތުން ކެފޭ ހުޅުވަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އެކަމަކު މިހާރު ނޯޓިސް ފޮނުވާފައި އޮތީ މި މަހުގެ ނުވައެއްގެ ކުރިން ހުޅުވަން ކަމަށާއި ކެފޭ އެ ދުވަހުގެ ކުރިން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ސަލީމު ވިދާޅުވި އެވެ. ‘

ރެޑްވޭވުން 15 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ފިހާރައިގެ ފުރަތަމަ ފަސް އަހަރު ކުލީގެ ގޮތުގައި 230،000ރ. މަހަކު ދައްކަން ޖެހެ އެވެ.

“އަޅުގަނޑުމެން މިދަނީ އެތަނަށް ދައްކަން ޖެހޭ ކުލި ވެސް ބަރާބަރަށް ދައްކަމުން. މިހާތަނަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައެއް ނޯންނާނެ. އެ އުޅެނީ ބަހަނާއެއް ދައްކާފައި އަޅުގަނޑުމެން އަތުން ތަން އަތުލަން،” ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވްގެ ހުޅުމާލޭގެ ސުޕްމާޓް އަތުލާނެ ކަމުގެ އިންޒާރުދީފައި މިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ތެރޭގައި ޕީޕީއެމް ދެފަޅިވިއިރު ސަލީމް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.