އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމަށާއި މަގު ހަދަން ބަޖެޓްގައި ހިމަނައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ބ. އޭދަފުށީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށާއި މަގު ހެދުމުގެ މަޝްރޫއު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ލަފަ އާއި މަޝްވަރާގެ މަތިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އިއްޔެ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، އޭދަފުށީގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި މިދެ މަޝްރޫއު ފެށުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން މިހާރުވެސް ކޮންޓްރެކްޓް ކުރެވިފައިވާ އޭދަފުށީ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.

 މިދިޔަ އޮގަސްޓް މަހު، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މިރަށުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭދަފުއްޓަކީ އޭނާގެ ވެރިކަމެއްގައި އިސްކަމެއް ދީގެން ތަރައްގީ ކުރާނެ ރަށެކެވެ.

އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ މުއިއްޒުގެ ސަރުކާރެއްގައި ހިންގާ ޕޮލިސީގެ ތެރެއިން އެންމެ ގިނަ ހައުސިން ޔުނިޓް އަޅާނީ އޭދަފުށީގަ އެވެ. އެކަން ކުރާނީ މުއިއްޒު ވިދާޅުވި ގޮތުގައި ހިއްކި ބިން ތަރައްގީކޮށްގެންނެވެ.

މީގެ އިތުރުން ރަށުގެ ހުރިހާ މަގެއް ތާރު އަޅައިގެން ހައްދަވައި ދެއްވާނެ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ އެކި ކުޅިވަރު ފެސިލިޓީތައް ގާއިމް ކުރުމައްޓަކައި ރަނގަޅު ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމުގެ ފަސް އަހަރުގެ ތެރޭ އޭދަފުށީގެ އިންފްރާސްޓްރަކްޗާއާ ގުޅުން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.