ބ. އަތޮޅުން ދެ ސަރަހައްދެއް ހިމާޔަތްކޮށްފި

ދަރަވަންދޫ ތިލަ

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ބ. އަތޮޅުގެ ދެ ސަރަހައްދެއް ހިމާޔަތްކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ އާއްމު ކުރި އިއުލާނެއްގައި ބުނީ ބ. ދަރަވަންދޫ ތިލަ އާއި އިންނަފުށި ސަރަހައްދު، އިއްޔެއިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަމަށެވެ.

ދަރަވަންދޫ ތިލަ ސަރަހައްދު

ބ. ދަރަވަންދޫ ތިލައަކީ ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ ޤުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި މި ސަރަހައްދުން އެކި ބާވަތްތަކުގެ މުރަކައާއި ފަރުމަހުގެ ދިރުންތައް ފެންނަކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އަދި މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު ތިލައެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިތަނުގެ އެންމެ ހާއްސަ އެއް ސިފައަކީ މި ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ “ކްލީނިންގ ސްޓޭޝަން” އެއް އިންނަ ކަމެވެ. އަދި މި ތަނުން 2020 ގެ ނިޔަލަށް 521 އެންމަޑި 1672 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބ އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއް ކަމަށްވުމުން އެންމަޑީގެ މިފަދަ މާހައުލުތަކާއި ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދުތައް ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އިންނަފުށި ސަރަހައްދު

ބ. އިންނަފުށި ސަރަހައްދަކީ ބ. ފުޅަދޫގެ އިރު އުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދުގެ އިރުމަތި ފަރާތުގައި ޙިމާޔަތްކޮށްފައިވާ ކޯބިން ރެކް ސަރަހައްދުއޮވެ އެވެ.

އިންނަފުށި ރަށަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެކެވެ. އަދި މި ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނީ އަރާމުކޮއްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ މި ދޫނިތަކުގެ މުހިއްމު މާހައުލެކެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅުތަކަށް ބަދަލު ނުގެނެސް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.  

މީގެ އިތުރުން އިންނަފުއްޓާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވާ އަދި މަސްމަހާމެހިން މުއްސަނދި ސަރަހައްދެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ތަންތަން ބެލެހެއްޓުމުގައި ދެން އަމަލު ކުރާނީ، އިއުލާނުގައިވާ ގޮތުން، ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދުގައިވާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.