ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް ބަދަލުކުރަނީ

ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫންކަމަށް ވާތީއެވެ. އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ މަހެއްނޫންކަމަށްވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުންކަމަށްވާތީކަން ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާންކުރައްވާފައިވެއެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.

ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. އެ ދެ ސަރަހައްދު ވެސް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. އެ ސަރަހައްދުތައް ރަނގަޅަށް މޮނީޓާ ނުކުރެވި، ފާއިތުވި އަހަރުތަކުގައި ވަނީ ފެހުރިހި ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.