
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މިޝަން ފޯ މައިގްރަންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް)އިން އުރީދުއާ ގުޅިގެން ބާއްވާ “ކްރިކެޓް ކާނިވަލް” އަށް ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ، އުރީދޫ އާއި އެމްއެމްޑަބްލިއު ގުޅިގެން އެ ކުންފުނިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ.
އުރީދޫން ބުނި ގޮތުގައި “ރިކެޓް ކާނިވަލް” އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އުރީދޫން ވަނީ މި މުބާރާތަށް ރަޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާ އާއި އުރީދޫގެ ވެބްސައިޓު އަދި އެމްއެމްޑަބްލިއުއެމް އަށް އީމެއިލްކޮށްގެން މި ކާނިވަލަށް ރަޖިސްޓްރީކުރެވޭނެ އެވެ.
އުރީދޫން ބުނީ މި އަހަރުގެ ކާނިވަލުގައި ވެސް ބިދޭސީންނަށް މެޑިކަލް ސްކްރީނިންގެ ފުރުސަތާއި ގާނޫނީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ކާނިވަލަކީ ކުރީ އަހަރުތަކަށް ވުރެ ފޯރިގަދަ ކާނިވަލަކަށް ހެދުމުގެ ގޮތުން އާ އެއްޗެހި ލިބޭނެ ސްޓޯލްތައް އިތުރުކޮށް މުނިފޫހިފިލުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި އަދި މި އަހަރުގެ ކާނިވަލުގައި ފުރުސަތު ދޭނީ 40 ޓީމަށެވެ.
އެމްއެމްޑަބްލިއުއެމްއިން ބުނި ގޮތުގައި މި ކާނިވަލަކީ އެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީން ބައިވެރިކުރުވުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ އަމާޒަކީ މި ފަދަ މަސައްކަތްތަކުގެ ތެރެއިން މުޖުތަމައުގައި ބައިވެރިވުން އިތުރުކުރުވުން ކަމަށެވެ.
މި އަހަރުގެ މި ކާނިވަލުގައި ޕާޓްނަރުންގެ ގޮތުގައި އާބަންކޯ އާއި މޯލްޑިވްސް ކްރިކެޓް ބޯޑުން ވެސް ބައިވެރިވެ އެވެ.