ރިޔާސީ އާ ދައުރާއެކު ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން: ރައީސް

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވަނީ.– ފޮޓޯ: ނިޝާން އަލީ | މިހާރު

މި ފެށުނު ރިޔާސީ ދައުރުގެ މުހިންމު އެއް ސިޔާސަތަކަށް ވާނީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އެތައް ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ފެށުނު ދުވަސްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ޢިލްމާއި ހުނަރާއި އަޚްލާޤާއި ދީން އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމާއެކު ރާއްޖޭގެ ބިނާވެށްޓަށް އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދެއްވުމަށް ކަމުގައެވެ.

ހަމައެހެންމެ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަށަވަރުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ސަރުކާރު ފެށުމާއެކު ޚާއްޞަކޮށް ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކަންއެހެން އޮތް ނަމަވެސް އިޤްތިޞާދީގޮތުން ރާއްޖެ ވެއްޓިފައިވާ ފުންވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އިތުރުބާރާއެކު ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މިކަމުން އަރައިގަތުމަށް ހަރުދަނާ، ހަލުވި ފިޔަވަޅުތަކެއް އެމަނިކުފާނުގެ ސަރުކާރުން އަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވައި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ އުސް އެއް ތަނބުކަމާއި އެމަނިކުފާނުގެ ސަރުކާރުގައި އެދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށް ގެދޮރުވެރިކަން ހަމަޖައްސައިދެއްވުން ފަދަ، ދިރިއުޅުމުގެ އިތުރު ލުއިފަސޭހަތައް އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތު ކުރިޔަށްގެންދަވާނެ ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފެށުނު ރިޔާސީ އާ ދައުރާއެކު ދިވެހިންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ ކަމުގައެވެ. އެގޮތުން، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އާ ސަހަރުތައް ބިނާކުރެވިގެންދާނެކަމާއި އެކަމުގެ ލިޔެކިޔުމާއި ކުރެހުންތައް ފަދަ މަސައްކަތްތައް މިހާރު ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ މި ވިސްނުމުގެ ތެރެއިން ކަމަށާއި، މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މެދުރާސްތާއާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅިގެންދާނެކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުން އެދޭފަދަ މުސްތަޤްބަލެއް ބައްޓަންކުރުމަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މިކަމުގައި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް ހިއްސާ ކުރެއްވުމަށް ސަރުކާރުން ފުރުޞަތު ހުޅުވާލައްވާނެކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ދާއިރާތަކުގެ ޢިލްމީ އަދި ފަންނީ ބޭފުޅުން، އެބޭފުޅުންގެ ދިރާސާތަކާއި ތަޖުރިބާއިން ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މިހާރަށް އެކަށައެޅިފައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެއްވުމާއި، ރާއްޖޭގެ އެހެން ސަރަޙައްދުތައް ޝާމިލުވާހެން ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.