
ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ވިސްނުންކަމަށާއި ދެން ފެނިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކީ ކައުންސިލްތައް ހިނގަމުންދާ ތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނު ގަޑިބުރު ޒަމާނީކޮށް އަލުން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކަންކަން ކޮށްދެމުން ދާނީ ރައްޔިތުން ހިމަނައިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލްތައް މެދުވެރިކޮށް އޮޅުން ފިލުވަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލްތައް ބާރުވެރި ކުރުމަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފައްދާފައިވާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި ދެން ފެނިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކައުންސިލްތަކުން ކަންކަން ބާރު ސްޕީޑްގައި ކުރަމުންދާ ތަނެވެ.
“މާލޭގައި ވެސް އަޅުގަނޑު މޭޔަރަކަށް ހުރިއިރު، ސަރުކާރުން ހުއްދަ ނުދިން، ރައްޔިތުން އެދިފައިވާ ހުރިހާ މަޝްރޫއެއް ވެސް ދެން ބާރު ސްޕީޑުގައި ހިނގަމުން ދާނެ. ހާއްސަ ގޮތެއްގައި ޕާކިން ބިލްޑިންތައް އެޅުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫއުތައް އެއްބަސްވުންތަކާއެކު އެކަން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނަން.” ރައީސް ވިދާޅުވި އެވެ.
މާލެ އާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވާހަކައިގައި ފާހަގަކުރެއްވި އެވެ.