
ދިރާސީ އާ އަހަރުގެ ކިޔެވުން 2025ގައި ފަށާނީ ޖެނުއަރީގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހަށް ބަދަލު ގެންނާނެކަން މިނިސްޓަރު އިސްމާއީލް ހާމަކުރެއްވީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު އަވަސް އަށް ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން 2025ގައި ފަށާނީ ޖެނުއަރީގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއިރު ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ މިހާރު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ހުޅަނގު މޫސުމުގެ މޫސުން ގޯސް ދުވަސްވަރާ ދިމާވާކަން ފާހަގަކުރައްވާފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ކުރީގައި ފަށަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ ގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އޮގަސްޓް މަހު އެވެ.