
ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ)، އާ ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް އާމިރު ހަމަޖެއްސުމުގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ދެ ބޭފުޅަކު ރައީސް މިއަދު އައްޔަންކުރެއްވި އެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މުހައްމަދު ފަހުމީ ހަސަން އާއި ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގެ ސްޓޭޓް މިނިސްޓަރަކަށް މާލޭ ސިޓީ ކައުންސިލުގެ ކުރީގެ މެމްބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ވަނީ އައްޔަންކުރައްވައިފަ އެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ އެހެން ބައެއް އިސް މަގާމުތަކަށް ވެސް ރައީސް މިއަދު ބޭފުޅުން އައްޔަންކުރެއްވި އެވެ.
އެ ބޭފުޅުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަސްކޮޅު އެރުވުން އޮތީ ރައީސް އޮފީހުގަ އެވެ.