“އަލުން ބަލުން”ގެ ނަމުގައި ބ. އަތޮޅުގައި ބޮޑު ރީސޭލް މާކެޓެއް ބާއްވައިފި

މާޅޮހުގައި ބޭއްވި “އަލުން ބަލުން” ރީސޭލް މާކެޓުގައި މީހަކު ހެދުންތަކެއް ބަލަނީ.– ފޮޓޯ: ސޮނެވާ ނަމޫނާ

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިސްނަގައިގެން، ސޮނެވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން “އަލުން ބަލުން”ގެ ނަމުގައި ބޮޑު ރީސޭލް މާކެޓެއް ބާއްވައިފި އެވެ.

“އަލުން ބަލުން” މާކެޓުގައި ބައިވެރިވާ ހަ ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު އަދި ކެންދު އެވެ. އެ ހަ ރަށުގެ ރައްޔިތުންނަށް ވެސް ކުރިން ބޭނުންކޮށްފައިވާ ތަކެތި ހެޔޮ އަގުގައި އެ މާކެޓުން ވަނީ ވިއްކައިފަ އެވެ.

މި މާކެޓް ބާއްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާ ބާރުވެރި މުޖުތަމައުތަކެއް އުފެއްދުމަށް ރަށު ފެންވަރުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ސޮނެވާ ނަމޫނާ އާއި ބ. މާޅޮހު ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ.

ސޮނެވާ ނަމޫނާއިން ބުނީ، އެ މާކެޓްތަކުގެ އަމާޒަކީ ތިމާވެށި ރައްކާކުރާ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމާ އެކު، ތަކެތި އަލުން ބޭނުންކުރުމުގެ އާދަ ރާއްޖޭގައި އަށަގެންނެވުން ކަމަށެވެ. އެ މާކެޓް މެދުވެރިކޮށް މި ރަށްތަކުގައި ކުރިން ބޭނުންކޮށްފައިވާ ތަކެތި ރަނގަޅު އަގެއްގައި އެހެން ފަރާތްތަކަށް ފޯރުކޮށްދީ، އެ ތަކެތީގެ އުމުރު ދިގުކުރެވި އިސްރާފުކުރުން މަދުކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ހުކުރު ދުވަހު މާޅޮހު ސްކޫލުގައި ބޭއްވި މާކެޓުގައި، އަލުން ބޭނުންކުރެވޭނެ ހެދުން، ފައިވާން، ގަހަނާ، ފޮތް، ކުޅޭ ތަކެތި އަދި ގޭ ތެރޭގައި ބޭނުންކުރާ ސާމާނު ވިއްކި ކަމަށް ސޮނެވާ ނަމޫނާއިން ބުންޏެވެ.

މީގެ އިތުރުން، އާންމުކޮށް އުކާލާފައި ހުންނަ ކުނި އަލުން ބޭނުންކޮށް، އޭގެން ހަދާފައިވާ އެކި އެއްޗެއްސާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ތައްޔާރުކޮށްފައިވާ ކާބޯތަކެތި އެ މާކެޓުގައި ވިއްކާފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ހަމައެއާ އެކު، މާކެޓް ތެރޭގައި ސަގާފީ އަވަށެއް ދައްކާލައި، ފޭސް ޕެއިންޓިން ކުރިއަށް ގެންގޮސް، މާޅޮހުގައި ހުރި ފަތުރުވެރިއެއްގެ ޚާއްސަ ކުޅިވަރު ހަރަކާތެއް ވެސް ދެއްކި ކަމަށް ސޮނެވާ ނަމޫނާއިން ބުންޏެވެ.

އެ މާކެޓްގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އަންހެނުންގެ ހައްގުތައް ހޯދުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމުގައިވާ އަނީސާ އަހްމަދެވެ.

ބ. އަތޮޅުގައި ފެށިގެން އައި އަލުން ބަލުން މާކެޓްތައް ސޮނެވާ ނަމޫނާގެ އެހީތެރިކަމާ އެކު، ނ. އަތޮޅުގައި ވެސް ވަނީ ތައާރަފުކޮށްފައެވެ. މި މާކެޓްތަކުގައި މި ދެ އަތޮޅުން ބައިވެރިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިހާތަނަށް 30,000 އަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.