އާ ބަނދަރުގެ މަސައްކަތް އަވަސްކުރަން އެދިއްޖެ

ބ. އޭދަފުށީ ހުޅަނގު ފަރާތުގައި ސަރުކާރުން އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތް ފެށުން އަވަސްކުރުމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް އެދިވަޑައިގެންފި އެވެ.

މި މަސައްކަތް ފެށުން އަވަސް ކުރުމުގެ ގޮތުން ސަލީމް އިއްޔެ އެމްޓީސީސީގެ ސީއީއޯ މުއާޒު މުހައްމަދު ރަޝީދު އާ ބައްދަލުކުރައްވާފަ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ  މި މަސައްކަތް އަވަހަށް ފެށުމާ ބެހޭ ގޮތުންނެވެ.

”އެބޭފުޅުން ވިދާޅުވީ މަސައްކަތް ފެށުން ލަސްވަނީ ކުރީ ސަރުކާރުން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ވާތީ އެކަމުގެ ސަބަބުން ކަމަށް. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ކުންފުންޏަށް ލިބޭ އިރަށް މަސައްކަތް ފަށާނެ ކަމުގެ ޔަގީން ކަން އެބޭފުޅުން ދެއްވި.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި މަސައްކަތް އަވަހަށް ފެށުމުގެ ގޮތުން މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބާ ވެސް ބައްދަލުކުރާނެ ކަމަށެވެ.

” އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބު ވާނެކަމަށް މިބަލަނީ“

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް 67.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މިދިޔަ ރިޔާސީ އިންތިހާބު ފެށެން ހަފްތާއަކަށްވެފައި ވަނިކޮށެވެ.

މި މަޝްރޫޢުގެ ދަށުން، 304,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއު މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.