
ކ. ހިންމަފުށީ ކައުންސިލުގެ އެހީތެރިކަމާއެކު އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.
ގާތްގަނޑަކަށް ދޮޅުމަސް ދުވަހުގެ މަސައްކަތަށް ފަހު ނިންމައި، އަލުން ތަރައްގީކޮށް ހިންމަފުށީ ސްކޫލްގެ ލައިބްރަރީ ހުޅުވާފައި ވަނީ އިއްޔެ އެވެ.
ކައުންސިލުން ވަނީ އެ ސްކޫލުގައި ކުރިން ހުރި ލައިބްރަރީގައި ފޮތްތައް ބަހައްޓާ ރެކުތައް އާކޮށް، ކުދިން ކިޔަވަން ތިބޭނެ “ރީޑިން އޭރިޔާތައް” ގާއިމް ކޮށްފަ އެވެ.

ހިންމަފުށީ ކައުންސިލުގެ ރައީސް ހަސަން ފާއިޒު ވިދާޅުވި ގޮތުގައި އެރަށު ސްކޫލުގެ ލައިބްރަރީ މަރާމާތު ކުރަން ފެށީ ދުވަސްވެ ބާވުމުގެ ސަބަބުން ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ލައިބްރަރީ އަލުން ހުޅުވީ ދަރިވަރުން ފޮތް ކިޔުމަށާއި އުނގެނުމަށް ބޭނުންވާ ފަހި މާހައުލެއް އޮންނާނެ ގޮތަށް ވިސްނައިގެން ސްކޫލުން ބޭނުންވި ގޮތަށް ކަމަށެވެ.
ލައިބްރަރީގައި ދަރިވަރުންނަށް ފޮތް ކިޔާނެ ފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސާފައިވާއިރު، ތުއްތު ކުދިންނަށް ފަސޭހައިން އިށީދެ ތިބެ ފޮތް ކިޔުމަށް ބީންބޭގް ތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

ނާސަރީން ފެށިގެން ގްރޭޑު 10އާ ހަމައަށް 250 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގައި ހެދި މި ލައިބްރަރީއަށް އެރަށު ކައުންސިލުން ގާތްގަނޑަކަށް 200،000ރ ހޭދަކުރި އެވެ.