ރަށްރަށުގެ މިސްކިތްތަކުގައި ގުރުއާން ކްލާސްތައް ހިންގަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މިސްކިތްތަކުގައި ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ހާއްސަ ކްލާސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ދިޔަރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ މިސްކިތްތަކުގެ ދައުރު ފުޅާކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މިސްކިތްތަކުގައި ކުޑަކުދިންނަށް ގުރުއާން އުނގަންނައިދިނުމާއި، ހިތުދަސްކޮށްދިނުމުގެ ކްލާސްތަކެއް ހިންގަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިސްކިތްތައް ބޭނުންކުރަނީ ހަމައެކަނި ނަމާދު ކުރުމަށާއި މަދު ފަހަރަކު ދީނީ ނަސޭހަތް ދިނުމަށެވެ. އެހެންވެ، މި ސަރުކާރުން ވިސްނީ މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ އެހެން ގޮތްތަކަކީ ކޮބައިތޯ އެވެ.

“އެގޮތުން ބަލާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ކުރިއަށްގެންދެވިދާނެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ކުޑައިރު ވެސް، ގުރުއާން ކިޔަވަން ދަސްކުރީ މިސްކިތު ކުލާހުން. އެހެންވީމަ މިހާރު އަދި އަމުދުން އެކަން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޯންނާނެ،” ޑރ. ޝަހީމް ދިޔަރެސް އަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ކުރުމަށް ގުރުއާނާ ބެހޭ މަރުކަޒާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދިރާސާގެ ތެރެއިން ރަށްރަށުގައި ތިބި ހާފިޒް އިމާމުންނާއި، ގުރުއާން މުދައްރިސުން ބޭނުންވާ ރަށްރަށް ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

“އެގޮތަށް އެ ކްލާސްތައް ހެނދުނާ ހަވީރު ބޭއްވިއްޖެ ކަމުގައިވާނަމަ އެއީ މިސްކިތްތަކަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ، ކުޑަކުދިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެހިގެންދާނެ އަދި ގުރުއާނުގެ އިލްމު، މިސްކިތްތައް މެދުވެރިކޮށް ފެތުރުމުގެ ހަމަ ރަނގަޅު ފުރުސަތަކަށް ވެސް ވާނެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.