އާ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ބ. އޭދަފުށީގައި ތައްގީކުރުމަށް ހަމަޖެހިފައިވާ އާ ބަނދަރު އަމަލީ މަސައްކަތް ފެށުން—އީޓީ ފޮޓޯ/އިބްރާހިމް ޝިޔާމް

ބ. އޭދަފުށީ ހުޅަނގު ފަރާތުގައި އަލަށް ތައްގީކުރުމަށް ހަމަޖެހިފައިވާ ބަނދަރު އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް 67.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބައެއް މެޝިނަރީތައް މިރަށަށް ގެނަސްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.

ކުޑަ ރަސްމިއްޔާތަކާ އެކު މިމަސައްކަތް ފެށުން ޝަރަފްވެރި ކޮށްދެއްވީ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ބަދަލުގައި އޭނާގެ ދަރިކަލުން އަލީ ނާއިލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހު ވިދާޅުވީ އާ ސަރުކާރުން މި މަސައްކަތް މިހާ އަވަހަށް ފެށިގެން މިދިޔައީ މި ދާއިރާގެ މެންބަރު އެމްޕީ ސަލީމްގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 304,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އޭދަފުށީ އާ ބަނދަރުގެ ހުރިހާ މަސައްކަތެއް 450 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހެ އެވެ.

އެމްޓީސީސީން ކުރިން ބުނިގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނާއި ފަތުރުވެރިން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ލުއިފަސޭތަކެއް ވެގެންދާނެއެވެ. އަދި މަސްވެރިންނަށް އޮޑި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.