ތިންލައްކަ ރުފިޔާ އާ އެކު ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން އާ ރެކޯޑެއް!

ސްކޫލްގެ ހަރަކާތްތައް ހިންގުމަށާއި ބޭނުންވާތަކެއްޗާއި ވަސީލަތްތައް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކިހާދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ސްކޫލްގައި ބޭއްވި ޑިނާ ނައިޓުން ތިންލައްކަ ރުފިޔާ ހޯދައި އާ ރެކޯޑެއް ހަދައިފި އެވެ.

ކިހާދޫ ސްކޫލުން ބުނީ މި އަހަރުގެ ޑިނާ ނައިޓުން 308،409.34 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން ލިބޭ ފައިސާ ޚަރަދުކުރަނީ މިހާރުވެސް އަމަލުކުރާ ފަދައިން ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް މިއަހަރު ވެސް ރަށުން ބޭރުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކޮށްފައިވާއިރު، ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ޑިނާ ނައިޓަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރުވެސް ހިލޭ ސާބަހަށް އެރަށު ފިރިހެން ވެރިން އަމިއްލަ އޮޑިފަހަރުގައި މަސްބާނައި، މަސްކަނޑާ، މަސްފިހެ ހަދައިދެ އެވެ. އަދި ހުރިހާ ތަކެތި ތައްޔާރުކޮށްދެނީ ވެސް ރައްޔިތުން އަންހެނުންނާ ފިރިހެނުން ހިލޭ ސާބަހަށެވެ.

“މިއަހަރުގެ ދިވެހި ސުފުރާގެ ކާމިޔާބީ ގައި ސްކޫލް ޕީޓީއޭ، ހުރިހާ ބެލެނިވެރިން ، ސްކޫލް މުވައްޒަފުން ، ރަށުގެ މުއައްސަސާތަކާއި ، ވިޔަފާރިވެރިން އަދި ރިސޯޓްތަކުގެ އިތުރުން ކިހާދޫގެ ހުރިހާ ރައްޔިތުން ޝާމިލް ކުރަމެވެ.” ކިހާދޫ ސްކޫލުން ބުންޏެވެ.

2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.