ދަރަވަންދޫގައި ސަގާފީ މަރުކަޒެއް ގާއިމުކުރަން މަޝްވަރާކޮށްފި

ބ. ދަރަވަންދޫގައި ސަގާފީ މަރުކަޒެއް ގާއިމުކުރުމާ ގުޅޭގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ،  ދަރަވަންދޫގައި ފަތުރުވެރިކަން ކުރިއަރަމުންދާތީ، އެ ރަށުގައި ސަގާފީ މަރުކަޒެއް ގާއިމުކުރުމާ ބެހޭގޮތުން، އިއްޔެ ރަށު ކައުންސިލާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާ ވަނީ، ދަރަވަންދޫ ކައުންސިލުން އެފަދަ މަސައްކަތަކަށް އިސްނަންގަވައިގެން، އެ ރަށުގެ ސަގާފީ އެކިއެކި ކަންކަމުގެ މަޢުލޫމާތާއި ތަކެތި އެއްކުރެއްވުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓެވުމުގެ މަސައްކަތް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ދަރަވަންދޫއަކީ ޅެންވެރިކަމުގެ ދިގު ތާރީޚެއް އޮތް ރަށެއްކަމުން، އެ ތާރީޚު ރައްކާތެރި ކުރުމާ ބެހޭގޮތުން ކުރެވެންހުރި މަސައްކަތްތަކާމެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ދަރަވަންދޫގައި ދިވެހި ޅެންވެރިކަމުގެ މަރުކަޒެއް ގާއިމުކުރުމަކީ ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ މަރުކަޒެއްގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތަކުގެ ފަންނީ ލަފާފުޅުތަކާ އިރުޝާދުތައް މިނިސްޓަރު ވަނީ ދަރަވަންދޫ ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޤައުމިއްޔަތު މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދަރަވަންދޫ އަކީ ގިނަ ފަރާތްތަކެއް ޒިޔާރަތްކުރާ ރަށެއްކަމުން ދަރަވަންދޫ ފަދަ ރަށްރަށުގައި އެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެންދިއުމަކީ ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމެއްކަމުގައި ވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލުން ވަނީ އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި ބައިވެރިވެޑައިގަތުމަށް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމަށް ދައުވަތު އަރުވާފަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.