އުރީދޫ ކަލަންޑަރުގައި މިފަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް!

ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އުރީދޫގެ ކަލަންޑަރު ލޯންޗު ކުރައްވަނީ. — ފޮޓޯ: އުރީދޫ

އޫރީދޫން އަންނަ އަހަރަށް ހާއްސަކޮށްގެން ނެރޭ ކަލަންޑަރު އިފްތިތާހުކޮށްފި އެވެ.

އަންނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށް ކޮށްދެއްވީ އިއްޔެ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ.

އުރީދޫން ބުނީ މިފަހަރު މިއިފްތިތާހު ކުރި ކަލަންޑަރާއެކު ތައާރަފް ކުރި “އަތޮޅު ދުވުން” ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމް ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެ އެވެ.

“އުރީދޫ އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް. ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކާ ތައްޔާރުކޮށް، އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއް ވެސް ވަނީ ތައްޔާރު ކޮށްފައި. މިފަހަރު މި ތައާރަފުކުރީ ދިވެހިވަންތަ ގޮތަކަށް ދިވެހިޒުވާނުން ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރު އަދި ގޭމެއް،” އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މުނިފޫހިފިލުވުމުގެ މިފަދަ ގޭމްތަކުން ވެސް އެކަކު އަނެކަކާ އޮންނަ ގުޅުނަ ބަދަހިވެ، މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ ކަމަށެވެ.

އުރީދޫން އަންނަ އަހަރަށް ހާއްސަކުރި ކަލަންޑަރު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަސީރު ވިދާޅުވީ މިކަލަންޑަރު އަދި ގޭމަކީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ. އަދި މި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށުގެ ރީތިކަން ދައްކުވައިދީ، ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ ގޭމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއް. އަޅުގަނޑުމެންގެ 2024 ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެކަމަށް އުއްމީދު ކުރަން،” އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަދި އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

މިއަހަރުގެ އުރީދޫ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އޯޑިއަންސް ޝައުގުވެރިވާ ކަހަލަ މަސައްކަތެއް ކުރުމަށެވެ. މިގޭމުގެ ޒަރީއާއިން އުރީދޫ މޯލްޑިވްސްގެ އުފާވެރިކަމާ އެކުވެރިކަން ރަމްޒުކޮށްދެވޭނެ ކަމަށް އުއްމީދުކުރަން. މި ފުރުސަތު ދެއްވީތީ، އުރީދޫ މޯލްޑިވްސްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،” ލޫޕްކްރާފްޓްގެ ސީއީއޯ، މުހައްމަދު ޝަމްހީލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.