ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަހްމަދު އަލީ ނިޔާވެއްޖެ

އަހްމަދު އަލީ ރިޓަޔާ ކުރެއްވުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކުރަނީ: އޭނާ 43 އަހަރު ސަރުކާރަށް ހިދުމަތް ކުރުމަށްފަހު މިއަދު ވަނީ ރިޓަޔާ ކުރައްވާފައި

ބ. އަތޮޅުގައި ތައުލީމީ ދާއިރާގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކުރައްވައި، އެ ދާއިރާގެ މައި އެއް ތަނބު އަހްމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.

އަހްމަދު އަލީ އުމުރުން 66 އަހަރުގައި، ނިޔާވީ މާލޭގައެވެ. ނިޔާވީ ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކުއްލި އަކަށެވެ.

އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިއަދު މެންދުރު 12:00 ހާއިރު އެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އޭނާ ވަނީ ހިތުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް ހައްދަވައިފަ އެވެ.

ތައުލީމީ ދާއިރާ އާ 1979 ގައި ގުޅިވަޑައިގެންނެވި އަހްމަދު އަލީ ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގަ އެވެ.

ޕްރައިމަރީ ޓީޗިން ކޯސް ނިންމެވުމަށް ފަހު އަހްމަދު އަލީ ސަރުކާރަށް ވެންނެވީ 1979 ގައި، ބ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރަކަށެވެ. އެ ސްކޫލުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ދެން ބަދަލުވެވަޑައިގަތީ ބ. އަތޮޅު ތައުލީ މަރުކަޒަށެވެ.

އަހްމަދު އަލީ ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އެ ސްކޫލަށް ލިބުނު ހުރިހާ ކުރިއެރުމަކާއި ސްކޫލު ތަރައްގީ ކުރުމުގައި ވެސް އެންމެބޮޑަށް މަސައްކަތް ކުރެއްވި އެކަކީ އަހްމަދު އަލީ އެވެ. އަދި ސްކޫލަށް މޮޅެތި ޓީޗަރުން ހޯދުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރެއްވީ އޭނާ އެވެ.

ތައުލީމީ ދާއިރާގައި އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ރާއްޖެތެރޭގެ މަދަރުސާ/މަކްތަބްތަކުގެ މުދައްރިސްގެ މަގާމާއި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ އަތޮޅު ޕްރައިމަރީ ޓީޗަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އަހްމަދު އަލީ ވަނީ އޭނާގެ ކެރިއަރުގައި ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވައިފަ އެވެ. އެގޮތުން އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި ހެޑްމާސްޓަރު ކަމުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ.

އަހްމަދު އަލީ ނިޔާވި އިރު އޭނާގެ ތިން ދަރިންނާއި ދެ އަނބިން ދުނިޔޭގައި އެބަތިއްބެވެ.

އަހްމަދު އަލީ ނިޔާވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ތައުޒިޔާ ކިޔަމުންނެވެ.

އަހުމަދު އަލީގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.