50 އަހަރުން މައްޗަށް މިއަދުން ފެށިގެން މެޑިކަލް ޗެކަޕް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެގޮތް ހެދުމުގެ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފަށައިފިއެވެ.

ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. މިގޮތުން ފުރަތަމަ މެޑިކަލް ޗެކަޕް އަމިއްލައަށް ގޮސް ނަންނޯޓު ކޮށްގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން ހެއްދޭއިރު، ދެވަނަ ޗެކަޕެއް ޑޮކްޓަރުގެ ލިއުމާއެކު އާސަންދައިގެ ދަށުން އެ އަހަރު ހެދޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.

މި ޙިދުމަތް ފަށަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން 50 އަހަރުން މަތީގެ ފަރާތްތަކަށް ޚިދުމަތް ފެށޭއިރު ބާކީ އުމުރު ފުރާތަކަށް މިއަހަރު އެ ޚިދުމަތް ފެށޭނެ ތާވާލް ވަނީ އާންމުކޮށްފައެވެ.

  • އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފެށުން އިފްތިތާހުކުރަން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުން ކަމަށެވެ.

އެންސްޕާއިން އެކުލަވާލައިފައިވާ އުސޫލުގެ ތެރެއިން ވަކިވަކި އުމުރުފުރާތަކަށް ޚާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއް ފަހަރު ބޭނުން ކުރެވޭނެއެވެ. ނަމަވެސް، ޑޮކްޓަރުގެ ލަފާގެ މަތިން އެއް މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ މެޑިކަލް ޗެކަޕެއް ވެސް ހެދޭނެ ކަމަށް އެ އުސޫލު ބަޔާން ކުރެއެވެ.

މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.