ބ. އޭދަފުށީގައި އައިސް ޕްލާންޓަކާއި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ހަދަން 6000 އަކަފޫޓްގެ ބިމެއް ކުއްޔަށްދޭން މިރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، މި ރަށު ފެން ޕްލާންޓްގެ ހުޅަނގުގައި އައިސް ޕްލާންޓަކާއި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް (ބޮޓަލިން ޕްލާންޓެއް) ހެދުމަށް ބޮޑު ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30 އަށެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އޭދަފުށީގައި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް އަޅަން 2017 ވަނަ އަހަރު އޭރުގެ ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް ހިލޭ ބިމެއް ވަނީ ހަމަޖައްސައިދީފަ އެވެ.