ގޯލްޑަން ފުޓްސަލް އަށް އޭދަފުށި ވަރުގަދަކޮށް ތައްޔާރުވަނީ

ކޯޗު އަބޯ ޓީމުގެ ބައެއް ކުޅުންތެރިންނާއި އެކު. ފޮޓޯ: ޔުނައިޓެޑް ވީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރުމަށް އޭދަފުށީ ފުޓްސަލް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުން އެބަދެ އެވެ.


އޭދަފުށިން މިއަހަރުގެ މުބާރާތަށް ވެސް ފުޓްސަލް ޓީމު ތައްޔާރުކުރަނީ ޔުނައިޓެޑް ވީ އިންނެވެ. މުބާރާތުގެ ތާރީހުގައި ހުރިހާ އަހަރަކު ވެސް އޭދަފުށި ފުޓްސަލް ޓީމު ދަނޑަށް ނެރުނީ ޔުނައިޓެޑް ވީ އިންނެވެ.


މިއަހަރުގެ މުބާރާތަށް ފުޓްސަލް ޓީމު އެންމެ ފުރަތަމަ ނެރެން އޮތީ ރަށު ކައުންސިލުންނެވެ. އެހެންނަމަވެސް ކައުންސިލުން ފަހު ވަގުތު އެ ފުރުސަތު ހުޅުވާލީ އޭދަފުށީގެ ކްލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުސަތަށް ފަހު ކައުންސިލުން ނިންމީ ޔުނައިޓެޑް ވީ އަށް އެ ފުރުސަތު ދިނުމަށެވެ.


އެހެން އަހަރުތަކާއި ހިލާފަށް ޔުނައިޓެޑް ވީ އިން މިއަހަރު ފުޓްސަލް ޓީމު ތައްޔާރުކުރަމުން އަންނަނީ ވަރުގަދަކޮށެވެ. ޓީމަށް ކުޅުންތެރިން ނެގުމަށް އޭދަފުށީގެ އިތުރުން މާލޭގައި ޓްރަޔަލް ބޭއްވި އެވެ. ޓީމު މުބާރާތައް ތައްޔާރުކުރަނީ ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ.


އަބޯގެ އިރުޝާދުގެ ދަށުން އޭދަފުށީގައި ބޭއްވި ޓްރަޔަލް އިން ފާހަގަކުރެވުނު ކުޅުންތެރިން ވަނީ މާލެ ގެނެސްފަ އެވެ. އޭގެފަހުން މާލޭގައި ބޭއްވި ޓްރަޔަލް އިން ފާހަގަވި ކުޅުންތެރިންނާއި އެކު މިހާރު އަންނަނީ ފަރިތަކުރަމުންނެވެ.
ޓްރަޔަލްގައި އޭދަފުށީގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި އެވެ. އޭގެތެރޭގައި ރަށުގެ ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނެ އެވެ.


މިހާރު ކުރިއަށްދާ ޕްރެކްޓިސްތަކުގައި އޭދަފުއްޓަށް ނިސްބަތްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ހަތަރު ކުޅުންތެރިން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެއީ މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން އަދި ދާދިފަހުން ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ހޯދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.


ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިއަހަރުގެ ގޯލްޑަން ފުޓްސަލްގައި ކުޅެވެނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ ބްރޭކް މިދުވަސްވަރާ ދިމާވުމުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ހަތަރު ކުޅުންތެރިންގެ އިތުރުން ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު ވެސް އަންނަނީ ޓީމާ އެކު ފަރިތަކުރަމުންނެވެ.


ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ވަނީ އެއް ފަހަރު ފައިނަލުގައި ކުޅެ ތ. ތިމަރަފުށި އަތުން ބަލިވެފަ އެވެ. އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް އޭދަފުށި ކެޓީ ކުއާޓާ ފައިނަލުގައި ދ. ކުޑަހުވަދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.


ޔުނައިޓެޑް ވީ އިން ބުނީ ރަށު ލޯބީގައި ނުކުމެ ސަޕޯޓަރުންގެ ހިތްވަރާ އެކު މިފަހަރު ބޭނުންވަނީ “ތަށި ރަށަށް” ގެންދަން ކަމަށެވެ. އެ އަޒުމުގައި މެޗުތައް ކުޅޭ ދުވަހު ނުކުމެ ރަށު ރައްޔިތުން އޭދަފުށީ ފުޓްސަލް ޓީމަށް ސަޕޯޓް ދިނުމަށް ޔުނައިޓެޑް ވީ އިން އެދެ އެވެ.


މިއަހަރުގެ މުބާރާތުގެ އަތޮޅު ބުރުގައި އޭދަފުއްޓާ އެކު ހިމެނެނީ ކެންދޫ އަދި ތުޅާދޫ އެވެ. މިދިޔަ އަހަރު އަތޮޅު ފައިނަލުގައި ކުޅުނު ފެހެންދޫ މިފަހަރު ބައިވެރިއެއްނުވެ އެވެ.


އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށި ވާދަކުރާނީ ކެންދޫއާ އެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި އެ މެޗު ފަށާނީ އެރޭ 11 ޖަހާއިރު އެވެ.


އަތޮޅު ބުރުގެ ބާކީ ދެ މެޗު އޮންނާނީ ފެބްރުއަރީ 4 އަދި 9 ވަނަ ދުވަހު އެވެ. އަތޮޅު ފައިނަލް ކުޅޭނީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.
އަތޮޅު ބުރުގެ ޗެމްޕިއަންކަން ލިބިއްޖެ ނަމަ އޭދަފުށި ޒޯން ބުރުގައި ވާދަކުރާނީ ކ އަތޮޅާއި ޅ އަތޮޅުގެ ޓީމުތަކާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.