ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން އަލުން ފަށަން ނިންމައިފި

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ނިންމެވުން އިއްޔެ ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ.

ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮޕްޓަރު ބޭނުންކުރެވޭނެކަމަށާއި އަދި އާންމު ދަތުރުތައް ކުރަން ޖެހޭނީ ހުއްދަދީފައިވާ ހެލިޕޯޓުތަކުންކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ވާދަވެރި ބީލަމެއްގެ ތެރެއިން ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފަ އެވެ.

މީގެއިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކަމާ ގުޅޭ އޮނިގަނޑު އިސްލާހުކޮށް، އިންޑަސްޓްރީއަށް ފަންނީ ގާބިލް މީހުން ޝައުގުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެވެ.

ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރު މަސައްކަތް ފަށައިގަތުމަށް ބޭނުންވާ، ދާއިރާގެ ތަޖުރިބާކާރު ކޮންސަލްޓަންޓަކު ހޯދުމަށާއި، ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގްވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އިތުރަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ.

ހަމައެއާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިސްލާހުކޮށް އިންޑަސްޓްރީން ފަންނީ ގާބިލް މީހުން އެ ދާއިރާއަށް ޝައުގުވެރިކުރެވޭ ވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވާލަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމިކަން އޭނާ ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.