ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށީގެ ފުރަތަމަ މެޗު މިރޭ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.


އޭދަފުއްޓާއި ކެންދޫގެ އިތުރުން އަތޮޅު ބުރުގައި ވާދަކުރަނީ ތުޅާދޫ އެވެ. އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި ކެންދޫ އާއި ތުޅާދޫ ވާދަކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. އޭގެފަހުން އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ތުޅާދޫ މި މަހުގެ ނުވަ ވަނަ ދުވަހު ވާދަކުރާނެ އެވެ.


އަތޮޅު ފައިނަލް އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.


މިއަހަރުގެ މުބާރާތަށް އޭދަފުށިން ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފަ އެވެ. ޓީމު މުބާރާތަށް ތައްޔާރުކުރީ ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. އަބޯ ވަނީ އޭދަފުށީގެ އިތުރުން މާލޭގައި ޓްރަޔަލް ކުރިއަށް ގެންގޮސް ފާހަގަކުރެވުނު ކުޅުންތެރިން ޓީމުގައި ހިމަނާފަ އެވެ. މިދިޔަ މަހެއްހާ ދުވަހު ކޯޗު އަބޯ ވަނީ ޓީމު އެކުލަވާލުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.


މިއަހަރުގެ މުބާރާތަށް ނުކުންނަ ޓީމުގެ މެއިން ސްޕޮންސަރަކީ ކުޅިވަރު ވިޔަފާރީގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމުގައިވާ އޮބިއޮން އެވެ. އޭދަފުށި ޓީމުގެ ހިތްގައިމު ޖާޒީ ފަރުމާކުރީ ވެސް އޮބިއޮން އިންނެވެ.

ކޯ ސްޕޮންސަރުންނަކީ އަވަސް ރައިޑާއި ގްރަފިކާ އަދި ސޯސަން ސްޓޯރުގެ އިތުރުން އެއިޓީ ފޯ އެވެ.


އޭދަފުށި ފުޓްސަލް ޓީމު މެނޭޖްކުރަނީ ކުރިން ވެސް ޓީމު ދަނޑަށް ނެރުނު ޔުނައިޓެޑް ވީ އިންނެވެ. އެ ޖަމިއްޔާއިން ޓީމު ތައްޔާރުކުރަނީ އޭދަފުށީ ކައުންސިލްގެ އެހީތެރިކަމާ އެކު އެވެ.


ގޯލްޑަން ފުޓްސަލްގެ ތާރީހުގައި އޭދަފުއްޓަށް އެންމެ ދުރަށް ދެވުނީ 2019 ވަނަ އަހަރު ފައިނަލާ ހަމައަށެވެ. އެފަހަރު ފައިނަލުގައި ތ. ތިމަރަފުއްޓާ ވާދަކޮށް ބަލިވީ އެވެ. އޭގެފަހުން ވާދަކުރި ދެ އަހަރު ވެސް ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ބަލިވީ ދ. ކުޑަހުވަދޫއާ ވާދަކޮށެވެ.


ގޯލްޑަން ފުޓްސަލް މުބާރާތް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ޓާފް ފުޓްސަލް ދެ ދަނޑުގަ އެވެ. އޭދަފުއްޓާއި ކެންދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 11 ޖަހާއިރު ގްރައުންޑް ދޭއްގަ އެވެ.


އޭދަފުށި ފުޓްސަލް ޓީމު
1- އަބްދުﷲ ނާސިހު
2- އިބްރާހީމް އަފްޒަލް
3- އަލީ ފާސިރު (ސެންޓޭ)
4- ހަމްޒާ މުހައްމަދު (ހަމްޕު)
5- ހައިޝަމް ހަސަން
6- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
7- އިޝާން އިބްރާހީމް (ސައްޓު)
8- މުހައްމަދު ފާސިރު (ފާއްޓެ)
9- މުހައްމަދު އަޖުފާން
10- އަހުމަދު ޖައުޝަން އަބްދުﷲ
11- އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)
12- މުއާޒް އަލީ
13- އިބްރާހީމް ޝަރީފް
14- އިމްތިޝާލް އަބްދުއްރަހީމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.