ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާތައް މިހާރު އިއުލާން ކުރަމުން އެބަދެ އެވެ. އިލެކްޝަން ކޮމިޝަނަރު މުހަންމަދު އިބްރާހިމް ދާދިދެންމެއަކު އިއުލާންކުރެއްވި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ބ. ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ނާޒިމް ރަޝާދު (މިލިއަން ނާޒިމް) އެވެ. އަމިއްލަ ގޮތުން ކުރިމަތިލެއްވި ނާޒިމަށް ވަނީ 545 ވޯޓު ލިބިވަޑައިގެންފަ އެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހުމާނަށް ލިބިވަޑައިގެންފައި ވަނީ 482 ވޯޓެވެ.
އޭދަފުށީ ދާއިރާ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ 42 ޕަސެންޓް (1196 ވޯޓު) ހޯއްދަވައިގެންނެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި ޑީއާރުޕީގެ ކެންޑިޑޭޓް އިމްރާން އަލީ އަށް ލިބިވަޑައިގެންފައި ވަނީ 720 ވޯޓެވެ.
ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ 990 ވޯޓާ އެކު ޑީއާރުޕީގެ އަހުމަދު ތަސްމީން އަލީ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ އަހުމަދު އިނާޒަށް ލިބިވަޑައިގެންފައި ވަނީ 802 ވޯޓެވެ.