
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2024 ގެ އަތޮޅު ބުރުގައި އޭދަފުށި ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗު ކެންދޫއާ ވާދަކޮށް ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.
ރޭ ރެހެންޑި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން އޭދަފުށި މޮޅުވީ 0-5 އިންނެވެ. މިއަހަރުގެ މުބާރާތަށް އޭދަފުށި ނުކުތީ ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ.

މެޗުގައި އޭދަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަން އާއި އަލީ ފާސިރު (ސެންޓޭ) ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިޝާން އިބްރާހީމް އެވެ. އަނެއް ގޯލަކީ ކެންދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ގޯލު ޖެހި ހައިޝަމް އާއި ސެންޓޭ އަދި ހަމްޕު އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. ގައުމީ ޓީމުގައި ހިމެނޭ ނިޝާން މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ރޭގެ މެޗުގައި ނުކުޅެ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހައިޝަމް އެވެ.

ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭ ނުފެނުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.
އަތޮޅު ބުރުގައި ދެން އޮންނާނީ ކެންދޫ އާއި ތުޅާދޫ ވާދަކުރާ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. އޭގެފަހުން ތުޅާދޫ އާއި އޭދަފުށި ވާދަކުރާ މެޗު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތަށް ވެސް އޭދަފުށި ފުޓްސަލް ޓީމު ނެރުނީ އޭދަފުށީގެ ޔުނައިޓެޑް ވީ އިންނެވެ.
އޭދަފުށި ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރަކީ އޮބިއޮން އެވެ. ކޯ ސްޕޮންސަރުންނަކީ އަވަސް ރައިޑާއި ގްރަފިކާ އަދި ސޯސަން ސްޓޯރުގެ އިތުރުން އެއިޓީ ފޯ އެވެ.