ރެޑްވޭވް ސަލީމު އުނބަށް ޖަހައިފި

ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި-- ފޮޓޯ / މިހާރު
ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި– ފޮޓޯ / މިހާރު

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އަނެއްކާ ވެސް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ސަލީމްގެ އިތުރުން އޭނާއާ އެކު ރެޑް ވޭވްގެ ވިޔަފާރީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރާވަޑައިގެންނެވިކަން، ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި ދެންމެ ނޫސްވެރިންނާ ބައްދަލުކުރައްވައި އިއުލާން ކުރައްވައިފަ އެވެ.

ސަލީމްގެ ވިޔަފާރިކަމަށްވާ، ރެޑްވޭވްގެ ހުޅުމާލެ ފިހާރަ ކުރިއަށް ގެންދިޔުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް ސަލީމް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ އޭނާގެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމަކީ އަދި ރޫހު ވެސް ހުރީ ރައީސް ޔާމީންއާ އެކު ކުރިއަށް ދިޔުމަށް ކަމަށެވެ. އަދި އޭނާގެ ނިންމުން ބަދަލު ކުރެއްވީ ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ކަމަށާއި ސިޔާސީ ޕްރެޝަރެއް އޮވެގެން ނޫން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހިޔާލު ތަފާތު ވުމަކީ އިންސާނުގެ ތެރޭގައި އޮންނާނެ ކަމެއް ކަމަށާއި އެގޮތުން ކުރިން ނިންމީ އެފަދަ ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނާ އަޅުގަނޑުމެންނާ އެއްއިރެއްގައި ވެސް ދެކޮޅެއް ނޫން” ކަމަށެވެ

ރައީސް މައުމޫނަށް ތާއީދުކުރަން ނިންމި ނިންމުން އޭދަފުށީ ރައްޔިތުން ގަބޫލު ނުކުރާ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ 90 ޕަސެންޓްގެ އެދުމަކީ ހަމަ ރައީސް ޔާމީނާއެކު މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު ކައިރިއަށް ރަށުގެ ވަރަށް ގިނަ ވަފުދުތައް ވެސް އަތުވެއްޖެ. މާލެ އައިސް އަޅުގަނޑަށް އާދޭސްކޮށް ތިމަންނަމެން ބޭނުންވާ ގޮތަކީ ރައީސް ޔާމީނާއެކު އިގްތިސޯދީ ތަރައްގީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމޭ،” ސަލީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ސަލީމް “މިހާރު”އާ ވާހަކަދައްކަވަމުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫން ފެކްޝަންގައި މަސައްކަތް ކުރެއްވިއިރު، އެ ދެ ބޭފުޅުން ވަނީ މައުމޫން ފެކްޝަންގެ ބޭފުޅުންނާ ގުޅިގެން މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ.

މައުމޫން ފެކްޝަނާ މިދިޔަ މަހު ގުޅިވަޑައިގަތުމަށްފަހު ސަލީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހުން ފާސްކުރި ބައެއް ގާނޫނުތައް ބަލައިނުގަންނަ ކަމަށް ވެސް ސަލީމް ވަނީ ކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.