މިއީ ޖެލީފިޝް (ފިރުއައުނުމުދާ) ފެންނަ މޫސުން ކަމަށްވާތީ، މި ދުވަސްވަރު މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
ކަނޑުގެމަތީ ފަށަލައިގައި ދިރިއުޅޭ ޖެލީފިޝް އާންމު ގޮތެއްގައި އިރުވައި މޫސުމުގައި ރާއްޖޭން ފެންނަނީ، ޖެލީފިޝްއަކީ އޮއިވަރާއެކު ދަތުރުކުރާ އެއްޗަކަށްވާތީ އެވެ. އެގޮތުން އިރުވައި މޫސުމުގައި ރާއްޖޭގެ ކަނޑުތަކާއި ބައެއް ރަށްރަށުގެ ފަޅަށް ޖެލީފިޝް ޖަމާވެ އެވެ.
ވިހައެއް އެކުލެވޭ އެ މަސް މީހުންގެ ކަޅުހަމުގައި ޖެހިއްޖެ ނަމަ ވިހަވެގެން ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. މީގެ ކުރިން އެފަދަ ހާދިސާތައް ހިނގާފައި ވެސް އެބަހުރި ހުއްޓެވެ.
ޖެލީފިޝް ހަށިގަނޑުގައި ޖެހުމުން ދިލަނަގައި ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވާނެއެވެ. މިފަދަ ހާލަތްތަކުގައި ނުރައްކާވެދާނެފަދަ އަލާމާތްތަކުގެ ތެރޭގައި ވިހަވި ތަނަށް އާދަޔާ ޚިލާފަށް ތަދުވުން, އަކުނިވަޔަށް ދެމުން, ބޯ އަނބުރައި ހޮޑުލެވުން, އާދަޔާ ޚިލާފަށް ދާ ހިއްލައި މޭގައި ރިއްސުން އަދި ކަރުބެދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ޖެލީފިޝް ގައިވާ ޖެހިއްޖެނަމަ ކުރެވިދާނެ ކަންތައްތައް:
- އަވަހަށް އެއްގަމަށް އެރުން
- ހަށިގަނޑުގައި ވިހައިގެ އަސަރުކޮށްފައިވާ ތަންތަނަށް ލޮނުފެން އަޅާ 30 ސިކުންތު ވަންދެން ދޮވެލުން (ވިހައިގެ އަސަރު ހުއްޓުވުމަށް)
- ވިހައިގެ އަސަރުކުރި ތަންތަން ދޮވުމަށް ސާފު ފެން ބޭނުން ނުކުރުން
- ޓްވީޒަރެއްފަދަ އެއްޗެއް ބޭނުންކޮށްގެން ހަށިގަނޑަށް ހެރިފައިވާ ބައިތައް ނެގުން (ހަން ހުރަކާއި ނުލައި، އަތް ބޭނުންކޮށްފިނަމަ އަތަށް ވިހައިގެ އަސަރުކޮށްފާނެތީ)
- ވިހައިގެ އަސަރު ކެނޑުވުމަށް ތާފަނާ ފެނަށް ލައިގެން 30 މިނިޓް މަޑުކޮށްލުން
- ވިހައިގެ އަސަރުކުރި ތަންތަނުގައި ރިއްސާ ނުވަތަ ނުރައްކާތެރި އެއްވެސް އަލާމާތެއް ހުރި ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން
އެހެންވެ އެޗްޕީއޭއިން ވަނީ މި ދުވަސްވަރު މޫދަށް ގޮސް އުޅޭ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ކަމެއް ދިމާވެ ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އެދިފައެވެ.