ދާދި ފަހުން ރިވައިވަލް އިން އޭދަފުށީގައި ގާއިމްކުރި ބެޑްމިންޓަން އެކަޑަމީން އޭދަފުށީގައި ފުރަތަމަ ފަހަރަށް ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެޑްމިންޓަން މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.
“ޕޭރަންޓްސް ބެޑްމިންޓަން ޓޯނަމެންޓް” ގެ ނަމުގައި ރިވައިވަލް ސްޕޯޓްސް އޭދަފުށިން، ބާއްވާ މި މުބާރާތް އޮންނާނީ ފެބްރުއަރީ 23 އިން އަންނަ މާޗުމަހުގެ 1 ގެ ނިޔަލަށް އޭދަފުށީ ބެޑްމިންޓަން ކޯޓްގަ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޯޕަން އިވެންޓްތަކެވެ. އެއީ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށްއެދޭ އޮންލައިން ފޯމް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށި އެކަޑަމީން ބުނިގޮތުގައި މި މުބާރާތުގެ މަގުސަދަކީ ބެލެނިވެރިންގެ މެދުގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރުކޮށް އަދި އެފަރާތްތަކުގެ ސިއްހީ ދުޅަހެޔޮކަމަށް ފުރުސަތު ހޯދައިދިނުމެވެ.
ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ބެޑްމިންޓަންގެ ކަންކަން ކުރިއަށްގެންދާ ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ބެޑްމިންޓަން އެކަޑަމީއެއް ގާއިމުކުރީ މިދިޔަ މަހު އެއްވަނަ ދުވަހުއެވެ. މި އެކަޑަމީ އަކީ އޭދަފުށީގައި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ދުރުރާސްތާ ޕްލޭނަކާއެކު ގާއިމުކުރި އެކަޑަމީ އެކެވެ.
ބެޑްމިންޓަންގެ ކާމިޔާބު ޖީލެއް ބިނާކުރުމަށް އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ކްލަބުން މި ފެށި މަސައްކަތަކީ، ބެޑްމިންޓަނުން ކުރިއަށްދާން މިރަށުގައި ތިބި ކުޅުންތެރިންނާއި ކައިރި ރަށްތަކުގައި ތިބި ކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.
އެގޮތުން މިދިޔަ މަހު ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފޯރިގަދަ ބެޑްމިންޓަން ޖޫނިއާ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުން އޭދަފުށިން ރިވައިވަލް އަށް ފެނުނީ ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަގުބަލަށް އޮތް ފުރުސަތުތަކެވެ.