
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އޭދަފުއްޓާއި ތުޅާދޫ މިރޭ ވާދަކުރާނެ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ދެ ޓީމު ވަނީ އަތޮޅު ފައިނަލަށް ހޮވިފަ އެވެ. ބ. އަތޮޅުން މުބާރާތުގައި ދެން ވާދަކުރީ ކެންދޫ އެވެ. އޭދަފުއްޓާއި ތުޅާދޫ އަތުން ބަލިވެ ކެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ފުރަތަމަ މެޗުގައި އޭދަފުށިން ކެންދޫ ބަލިކުރީ 0-5 އިންނެވެ. ދެ ވަނަ މެޗުގައި ތުޅާދޫއާ ވާދަކޮށް ކެންދޫ ބަލިވީ 2-6 އިންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ އޭދަފުއްޓެވެ. މިރޭގެ މެޗުގެ ނަތީޖާއިން އެނގޭނީ ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެއްވަރުވެއްޖެ ނަމަ އެއް ވަނަ ލިބޭނީ އޭދަފުއްޓަށެވެ.
އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގަ އެވެ. ދެޓީމުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމު ޒޯން ބުރުގައި ކުޅޭނީ ކ އަދި ޅ އަތޮޅުގެ ރަށްތަކާ އެވެ. މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް އަތޮޅު ބުރުގައި އޭދަފުށިން ވަނީ ތުޅާދޫ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު އަތޮޅު ފައިނަލުގައި އޭދަފުށި އަތުން ބަލިވި ފެހެންދޫ މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.