ބ. އޭދަފުށީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިރޭ 20:45 ގައި މަލްޓިޕާޕަސް ހޯލްގައި އޮންނާނެ ކަމަށެވެ.
ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި މިއަހަރުގެ ބަޖެޓް ރައްޔިތުންނާ ހިއްސާ ކުރުމާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން އޮންނާނެ އެވެ.
މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދުވެސް ހާޒިރު ވަނީ ނިސްބަތުން ރައްޔިތުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ ބައެކެވެ.