ބޮޑު ފައިނަލަށް ނުކުންނައިރު އޭދަފުށި ޓީމަށް ބޭނުންވަނީ ސަޕޯޓް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ފައިނަލަށް މިރޭ ތުޅާދޫއާ ދެކޮޅަށް އޭދަފުށި ފުޓްސަލް ޓީމު ނުކުންނައިރު ޓީމަށް އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ ތަރުހީބު ކަމަށް ފުޓްސަލް ޓީމުން ބުނެފި އެވެ.

އޭދަފުއްޓަކީ އެންމެ ފަހުގެ ހަތަރު މުބާރާތުގައި ވެސް އަތޮޅު ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ފައިނަލުގައި އޭދަފުށި ބަލިކުރީ ފެހެންދޫ އެވެ. މިފަހަރު ތުޅާދޫއާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ މެޗުގައި ތުޅާދޫ އަތުން އޭދަފުށި ވަނީ 1-2 އިން މޮޅުވެފަ އެވެ.

އޭދަފުށި ފުޓްސަލް ޓީމު މިއަހަރު ވެސް ދަނޑަށް ނެރުނީ ޔުނައިޓެޑް ވީ އިންނެވެ. މިއަހަރުގެ މުބާރާތަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ޓީމާ ހަވާލުވެ އެ ކްލަބުން ވަރުގަދަ ޓީމެއް އެކުލަވާލި އެވެ.

ޓީމު މުބާރާތަށް ތައްޔާރުކުރުމާއި މުބާރާތް ތެރޭގައި ކޯޗިންގައި އިސް ދައުރެއް އަދާކުރަނީ ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ.

“މިދިޔަ އަހަރުތަކާ ހިލާފަށް ހުރިހާ ގޮތަކުން ވެސް ޓީމު ވަރުގަދަ. މުޅި ޓީމު އޮތީ އެއް ރޫހެއްގައި މިއަހަރު ވެސް އަތޮޅު ޗެމްޕިއަންކަން ހޯދަން ތައްޔާރަށް. އުއްމީދަކީ މުޅި އޭދަފުއްޓަށް އެ އުފާ ހޯދައިދިނުން” ޔުނައިޓެޑް ވީގެ އޮފިޝަލް ބުންޏެވެ.

ޔުނައިޓެޑް ވީ އިން ބުނީ އޭދަފުށީގެ މަޝްހޫރު ކުޅުންތެރިންނާއި އެކު މޮޅަކަށް ނިކުންނައިރު އޭދަފުށީގެ ރައްޔިތުންގެ ސަޕޯޓް މިރޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި، ގްރޫޕް ސްޓޭޖުގައި ތުޅާދޫއާ ވާދަކޮށް މޮޅުވި މެޗުގައި ސަޕޯޓަރުންގެ ތަރުހީބާ އެކު ޓީމަށް ހިތްވަރު ލިބުނު ކަމަށް ޓީމުން ބުންޏެވެ.

“ތުޅާދޫ މެޗުގައި ޓީމަށް ދިން ތަރުހީބުން ކުޅުންތެރިންނަށް ހިތްވަރު ލިބުނު. އުއްމީދަކީ މިރޭ އެއަށްވުރެ ބޮޑު ތަރުހީބެއް ލިބުން. ދަނޑުގައި އޭދަފުށީގައި ނަން ސަޕޯޓަރުން އިއްވުން. އެއީ ކުޅުންތެރިންނަށް އެންމެ ބޭނުންވާ ކަމަކީ” ޔުނައިޓެޑް ވީ އިން ބުންޏެވެ.

ތުޅާދޫގެ އިތުރުން އަތޮޅު ބުރުގައި ވާދަކުރީ ކެންދޫ އެވެ. ކެންދޫއާ ވާދަކޮށް އޭދަފުށި މޮޅުވީ 0-5 އިންނެވެ.

އަތޮޅު ފައިނަލުން ބަލިވާ ޓީމަކަށް މުބާރާތް ނިމޭނެ އެވެ. ޗެމްޕިއަން ޓީމު ވާދަކުރާނީ ޒޯން ބުރުގަ އެވެ. ޒޯން ބުރުގައި ހިމެނެނީ ބ. އަތޮޅުގެ އިތުރުން ކ އަދި ޅ އަތޮޅެވެ.

އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ އަތޮޅު ފައިނަލް އޮންނާނީ މިރޭ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް އެކެއްގަ އެވެ. މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.