ތުޅާދޫ ބަލިކޮށް، އަނެއްކާވެސް އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

އޭދަފުށީ ޓީމް ޗެމްޕިއަން ޓްރޮފީއާއެކު- ފޮޓޯ /ސިޑިބަރި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ޗެމްޕިއަންކަން މިއަހަރު ވެސް އޭދަފުށި ފުޓްސަލް ޓީމް ހޯދައިފި އެވެ.

ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި ތުޅާދޫއާ ވާދަކޮށް އޭދަފުށި މޮޅުވީ 2-5 އިންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުގައި ތުޅާދޫ އަތުން އޭދަފުށި މޮޅުވީ 1-2 އިންނެވެ. އެކަމަކު އެ މެޗުގައި ނުކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) މިރޭގެ ފައިނަލުގައި ކުޅުނެވެ. ފުރަތަމަ ހާފު ނިމުނީ 1-2 އިން އޭދަފުށި ކުރީގައި އޮވެގެންނެވެ.

އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ ހަމްޕު އެވެ. އޭގެފަހުން އިބްރާހީމް ރަފާހްގެ ގޯލުން ތުޅާދޫ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ވަގުތު އޭދަފުށީގެ ހައިޝަމް ހަސަން އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި އެވެ. ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ މޮޅަށް ކުޅެ އިތުރު ތިން ގޯލު ޖަހައިފަ އެވެ. އޭދަފުށީގެ ތިން ވަނަ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭދަފުށީގެ ހަތަރު ވަނަ ގޯލު ޖެހީ ހައިޝަމް އެވެ.

އޭދަފުށި 1-4 އިން ކުރީގައި އޮއްވައި ތުޅާދޫގެ އަހުމަދު ތަސްނީމް ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އޭދަފުށީގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުގައި ޖެހީ ލިބުނު ދުރު ޕެނަލްޓީއަކުން ސެންޓޭ އެވެ. ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހީ ފަސް ގޯލާ އެކު ތުޅާދޫގެ ރަފާހް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ހައިޝަމް އެވެ. އަތޮޅު ޗެމްޕިއަންކަން ޖެހިޖެހިގެން އޭދަފުށި ހޯދި މިއީ ފަސް ވަނަ ފަހަރެވެ.

އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ 2018، 2019، 2022،2023 އަދި 2024 ގަ އެވެ.

އޭދަފުށި މުބާރާތުގައި ވާދަކުރަން ފެށިފަހުން އެހެން ރަށަކަށް އަތޮޅު ޗެމްޕިއަންކަމެއް ނުލިބެ އެވެ. ޒޯން ބުރުގައި އޭދަފުށި ނުކުންނާނީ ޅ އަދި ކ އަތޮޅުގެ ޓީމުތަކާ ދެކޮޅަށެވެ. ކ. އަތޮޅުން ޒޯން ބުރު ކަށަވަރުކުރީ ކާށިދޫ އާއި ގާފަރެވެ. ފައިނަލުގައި މިރޭ ހިންނަވަރު ބަލިކޮށް ޅ. އަތޮޅުގެ ޗެމްޕިއަންކަމާ އެކު ޒޯން ބުރުން ޖާގަ ހޯދީ ކުރެންދޫ އެވެ.

މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނީ ޒޯން ބުރުގެ ފައިނަލަށް ހޮވޭ ދެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.