ކާށިދޫ ބަލިކޮށް އޭދަފުށިން ޒޯން ބުރުގެ ފެށުން ރަނގަޅު ކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގައި ރޭ ކ. ކާށިދޫ 0-3 އިން ބަލިކޮށް އޭދަފުށި ފުޓްސަލް ޓީމުން ޒޯން ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އޭދަފުއްޓާއި ކާށިދޫއާ އެކު ޒޯން ތިނެއްގައި ހިމެނެނީ ކ. ގާފަރު އަދި ޅ. ކުރެންދޫ އެވެ. ރޭ އެގަޑީގައި ކުޅުނު މެޗުގައި ގާފަރުން ވަނީ 0-8 ގެ ބޮޑު ތަފާތަކުން ކުރެންދޫ ބަލިކޮށްފަ އެވެ.

މެޗު ފެށިއިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. މެޗުގެ ފުރަތަމަ ހާފު އޭދަފުށި ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ހައިޝަމް ހަސަން ޖެހިއިރު ދެ ވަނަ ގޯލު ޖެހީ މުހައްމަދު ފާސިރު އެވެ. ދެ ވަނަ ހާފުގައި އޭދަފުށީގެ ތިން ވަނަ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހައިޝަމް އެވެ.

ގާފަރުން ހޯދި ބޮޑު މޮޅުގައި އެޓީމުގެ އިބްރާހީމް ރިމާހު ވަނީ ތިން ގޯލު ޖަހައިފަ އެވެ. ދެން އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝަނާން ރަޝީދުގެ އިތުރުން އަލީ މާއިސް އަދި ގައިސާން އަބޫބަކުރު މާހިރު އެވެ. ޝަނާން އާއި މާއިސް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.

ޒޯން ފައިނަލަށް ހޮވޭ ދެ ޓީމަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

ޒޯން ބުރުގައި މާދަމާ ރޭ އޭދަފުށި ނުކުންނާނީ ކުރެންދޫއާ ދެކޮޅަށެވެ. އަނެއް މެޗުގައި ކާށިދޫ އާއި ގާފަރު ވާދަކުރާނެ އެވެ. ދެ މެޗު ވެސް ކުޅޭނީ މާދަމާ ރޭ 10 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.