ހުސެއިން ޝަރީފް: ފުރަތަމަ ލިބުނު ފުރުސަތުން ވެސް ތަފާތު ދެއްކި

ހުސައިން ޝަރީފް، ޗެމްޕިއަން ޓްރޮފީއާއެކު އުފާފާޅުކުރަނީ–ފޮޓޯ/އަބްދުﷲ ޔަސައު

އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ރާއްޖެތެރޭގެ ޓީމަކަށް ފުރުސަތެއް ނެތެވެ. ކުރިން ރޭވިފައި އޮތީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޑިވިޝަންތަކަކަށް ބަހާލެވިގެން، ރާއްޖެތެރޭ ތިން ޓީމާއި، މާލޭގާއި ބާއްވާ ދެވަނަ ޑިވިޝަން މުބާރާތުގެ ޗެމްޕިއަން ޓީމާ އެކު ޖުމްލަ 12 ޓީމު ހިމެނޭހެން ހޯމް އެންޑް އަވޭ އުސޫލުން ޕްރިމިއާ ލީގު ކުޅޭށެވެ. ނަމަވެސް ފަހުން ނިންމުން ބަދަލުކޮށް، ދެވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމު ހިމަނައިގެން ޖުމްލަ 10 ޓީމާ އެކު މާލޭގައި ކުރިން ވެސް ބާއްވާ އުސޫލުން ކުރިއަށް ގެންދަން އެފްއޭއެމުން ނިންމީ އެވެ.

އެހެން ނަމަވެސް ނިމިދިޔަ އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިގެން ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެއި ވަނީ އޭދަފުށީގެ ކުޅުންތެރިންގެ ވެސް ހިއްސާއާ އެކު އެވެ. މިއީ މުޅި ރަށަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

ސެންޓްރަލް ޒޯނުގައި ހިމެނޭ އޭދަފުށިން ދެ ޓީމު ކޮލިފައިން ކުޅުނެވެ. އެއަށް ފަހު ޒޯނުގެ ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި ވެސް ވާދަކުރަން އޮތް ޓީމުތައް ނުކުޅޭން ނިންމުމުން އޮޓަމެޓިކުން އެއްވަނަ ޑިވިޝަނުން ޖާގަ ލިބުނެވެ. މެޗުތައް ކެންސަލް ވުމުން ކުޅުންތެރިންނަށާއި ޓީމަށް ލިބޭ ގެއްލުންތަކާމެދު އޭދަފުށީގެ ޓީމުން ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ. ނަމަވެސް ފަހުން މުޅި ކޮލިފައިން ހުއްޓުމަކަށް އައިސް، ރަށު ޓީމު ގައުމީ ފެންވަރުގައި ކުޅޭތަން ބަލަން ކެތް މަދުވެފައި ތިބި ރައްޔިތުންނަށް ކުރިމަތިވީ ބޮޑު މާޔޫސްކަމެކެވެ.

އަހުމަދު ސުހެއިލް (ބަންބުޗު) ހިމެނުނު އިރު، ޒުވާން ޑިފެންޑަރު މުހައްމަދު ޝާން އަބްދުލްގަފޫރާއި ހުސެއިން ޝަރީފް– ފޮޓޯ/އަބްދުﷲ ޔަސައު

ވިކްޓަރީ ޓީމުގައި، ކުރިން އެއްވަނަ ޑިވިޝަނާއި ޖޫނިއާ ގައުމީ ޓީމަށް ވެސް ކުޅުނު އަހުމަދު ސުހެއިލް (ބަންބުޗު) ހިމެނުނު އިރު، ޒުވާން ޑިފެންޑަރު މުހައްމަދު ޝާން އަބްދުލްގަފޫރާއި ހުސެއިން ޝަރީފް ކުޅުނީ މަސްއޮޑި ޓީމަށެވެ.

މަސްއޮޑި ޓީމުގެ ކޯޗަކަށް ހުރީ ކްލަބް އޭދަފުށީ ޓީމު ޕްރިމިއާ ލީގު ކޮލިފައިން އަށް ތައްޔާރުކޮށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. މީގެ އިތުރުން ކްލަބް އޭދަފުށްޓާ ދެކޮޅަށް ކުޅުނު އޭދަފުށި ފުޓްބޯޅަ ޓީމަށް ކުޅުނު ބިދޭސީ ގޯލްކީޕަރު އަބްދުލްހަމީދު ވަނީ މަސްއޮޑި ޓީމުގެ ގޯލު ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މީގެ ތެރޭން ވެސް އެންމެ ތަފާތު ދެއްކި ކުޅުންތެރިއަކީ 23 އަހަރުގެ ހުސެއިން ޝަރީފް އެވެ.

މިއީ ހުސެއިން ގަލޮޅު ދަނޑޫގައި ކުޅުނު ފުރަތަމަ މުބާރާތެއް ނޫނެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށި ޓީމުގައި ހިމެނިގެން އޭނާގެ ހުނަރު ދައްކާލި އެވެ. އެއަށް ފަހު ސީނިއާ ލެވެލްގައި ޖެހިގެން އައި އަހަރުގެ އެފްއޭ ކަޕް މެޗުގައި އެޓީމަށް ކުޅުނެވެ. ނަމަވެސް މިފަހަރު މަސްއޮޑިން ލިބުނު ފުރުސަތަކީ ގައުމީ ލެވެލްގައި ހުނަރު ދައްކާލަން ލިބުނު ފުރަތަމަ ފުރުސަތެވެ.

މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، ހުސެއިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. މުބާރާތުގައި މަސްއޮޑިން ޖުމްލަ ހަ މެޗު ކުޅުނު އިރު، ހުސެއިން ގޯލެއް ނުޖަހަނީ އެންމެ މެޗެއްގަ އެވެ. ގުރޫޕް ސްޓޭޖުގެ އެންމެ މެޗެއް ފިޔަވައި މުބާރާތުގައި ދެން ކުޅުނު ފަސް މެޗުގައި ވެސް އޭނާ ގޯލު ޖެހި އެވެ.

މަސްއޮޑި ޓީމް ތައްޓާއެކު އުފާފާޅުކުރަނީ– ފޮޓޯ/އަބްދުﷲ ޔަސައު

“މުޅީ ޓީމުގެ އެއްބައިވަންތަކަން ފެނުނީ. އެންމެން ވެސް ވަރަށް ޑެޑިކޭޓެޑް ވެގެން ވަރަށް ބުރަ މަސައްކަތުން މި ކާމިޔާބީ ހޯދީ،” ޝަރީފް ބުންޏެވެ.

“ކާމިޔާބީގެ ސިއްރަކީ އަސްލު ނަމާދުކޮށް ދުއާކޮށް ޒިކުރު ކުރުން.”

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ހުސެއިން ވަނީ ފުރަތަމަ ދެ މެޗުގައި މަހިބަދޫ ސްޕޯޓްސް އާއި އެލްޓީ ސްޕޯޓްސް ކޮޅަށް ގޯލު ޖަހައިފަ އެވެ. ބީޖީ ސްޕޯޓްސް ކޮޅަށް ގޯލެއް ނުޖެހުނު ނަމަވެސް، ގުރޫޕް ސްޓޭޖް ފަހު މެޗުގައި އޭނާގެ ގޯލުން މަސްއޮޑި އަށް ގުރޫޕްގެ އެއްވަނަ ހޯދައިދިނެވެ. ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އެ މެޗަކީ ހުސެއިން ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

ޝަރީފް ކޯޗާއެކު ޓްރޮފީ ހިފަހައްޓާލައިގެން– ފޮޓޯ/އަބްދުﷲ ޔަސައު

ސެމީ ފައިނަލްގައި ޓެންޓް ސްޕޯޓްސްއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހުސެއިން ނުކުތީ ފުރަތަމަ ހާފުގަ އެވެ. ނުކުތް ގޮތަށް އޭނާ ލިބުނު ފުރުސަތުގައި ގޯލު ޖަހައި ޓީމަށް ލީޑު ހޯދައިދިނެވެ. މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ފައިނަލަށްގައި މަސްއޮޑި ޓީމުގެ ފުރަތަމަ 11 އިން ލިބުނު ފުރުސަތުގައި ވެސް އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ.

މަސްއޮޑި ޓީމުގެ ކޯޗަކަށް ހުރީ ކްލަބް އޭދަފުށީ ޓީމު ޕްރިމިއާ ލީގު ކޮލިފައިން އަށް ތައްޔާރުކޮށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. މީގެ އިތުރުން ކްލަބް އޭދަފުށްޓާ ދެކޮޅަށް ކުޅުނު އޭދަފުށި ފުޓްބޯޅަ ޓީމަށް ކުޅުނު ބިދޭސީ ގޯލްކީޕަރު އަބްދުލްހަމީދު ވަނީ މަސްއޮޑި ޓީމުގެ ގޯލު ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

“ކޯޗުގެ އިރުޝާދުތަކާ އެކު ކޯޗުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މި ކާމިޔާބީ މި ލިބުނީ. ކޯޗު އަޅުގަނޑަށް ކުރި އިތުބާރާއި ދިން ފުރުސަތުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،” ޝަރީފް ބުންޏެވެ.

ހުސައިން ޝަރީފް ގޯލެއް ކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ/މަސްއޮޑި

“މި ކާމިޔާބީ ހާއްސަ ކޮށްލާނީ އަޅުގަނޑުގެ ބައްޕަ އަށް. ހިތަށް އަރާ އަބަދުވެސް އަޅުގަނޑަށް ލިބޭ ކޮންމެ ކާމިޔާބަކާއި ނާކާމިޔާބީއެއްގައި ވެސް ބައްޕަ ކައިރީގަ ހުންނާނެ ނަމައޭ. ވަރަށް ހަނދާންވޭ ބައްޕަ މަތިން.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.