ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން އޭޝިއާ ރީޖަނަލް އަމްޕަޔާސް ޓްރޭނިން ޕްރޮގްރާމުން، އޭދަފުށީ ކައުންސިލުގެ މެންބަރު އައިޝަތު ޝަމްހާ އަށް ފުރުސަތު ލިބިއްޖެ އެވެ.
ޝަމްހާއަށް މި ފުރުސަތު ލިބިފައިވަނީ، އޭޝިއާގެ ބެޑްމިންޓަންގެ މައި ޖަމިއްޔާ (ބެޑްމިންޓަން އޭޝިއާ) އިން ރާއްޖެއަށް ތަނަވަސްކޮށްދިން ފުރުސަތުގައި، އޭދަފުއްޓަށް ނިސްބަތްވާ އަންހެން ބޭފުޅަކަށް މި ފުރުސަތު ދިނުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުޅުވާލި ފުރުސަތުގަ އެވެ.
މި ޓްރޭނިން ޕްރޮގްރާމު އޮންނާނީ ފެބްރުއަރީ 29 އިން މާޗު 7 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގަ އެވެ.
ޝަމްހާ އަކީ އޭދަފުށީގައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފާހަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި، ރަށު ފެންވަރުގައި ބާއްވާފައިވާ ކުޅިވަރުގެ އެކި މުބާރާތްތަކުގައި ޝަމްހާ ވަނީ ވަނަ ހާސިލްކޮށްފަ އެވެ.