ކުރެންދޫ ބަލިކޮށް ގާފަރާ އެކު އޭދަފުށި ޒޯން ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ 0-3 އިން ޅ. ކުރެންދޫ ބަލިކޮށް އޭދަފުށި ފުޓްސަލް ޓީމު ޒޯން ތިނެއްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޭދަފުއްޓާ އެކު ގާފަރު ވެސް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ގާފަރު ފައިނަލަށް ދަތުރުކުރީ ރޭ ކާށިދޫއާ ދެކޮޅަށް ކުޅުނު މެޗު 0-4 އިން ކާމިޔާބުކޮށްގެންނެވެ.

ޒޯންގެ ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ ކާށިދޫ 0-3 އިން ބަލިކޮށްފަ އެވެ. އެރޭ ގާފަރުން ކުރެންދޫ ބަލިކުރީ 0-8 އިންނެވެ.

ދެ ޓީމު ފައިނަލަށް ދަތުރުކުރިއިރު ގްރޫޕް ސްޓޭޖުގައި ދެޓީމުގެ ކުރިމަތިލުން މާދަމާ ރޭ އޮންނާނެ އެވެ. އޭދަފުއްޓާއި ގާފަރު ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ޒޯން ފައިނަލާ އެކު އޭދަފުއްޓާއި ގާފަރަށް ވަނީ މުބާރާތުގެ ގަދަ 16 އިން ވެސް ފުރުސަތު ލިބިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކުރެންދޫ ކޮޅަށް އޭދަފުއްޓަށް ގޯލެއް ނުޖެހުނެވެ. ދެ ވަނަ ހާފުގައި ވަރުގަދަކޮށް ފަށައި އޭދަފުށިން ވަނީ ތިން ގޯލު ޖަހައިފަ އެވެ.

އޭދަފުށީގެ ފުރަތަމަ ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) އެވެ. ކުރެންދޫގެ ހަތަރު ކުޅުންތެރިން އޭރިޔާ ތެރޭގައި ތިއްބައި ސައްޓު ވަނީ އެ ކުޅުންތެރިން ކަޓުވާލުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލާފަ އެވެ.

އޭދަފުށީގެ ދެ ވަނަ ގޯލު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ފާސިރު އެވެ. ހާފު މެދުން ލިބުނު ޖެހުން ތިރިތިރިން ފާސިރު ވައްދާލީ އުންޑައެންހެން ފޮނުވާލި ބޯޅައަކުންނެވެ.

ފަހު ގޯލު ޖެހީ ޒުވާން ތަރި އަހުމަދު ޖައުޝަން އަބްދުﷲ އެވެ. ޖައުޝަން ގޯލު ޖެހީ ކައިރީގައި ހުރި ކުރެންދޫގެ ކުޅުންތެރިޔާ ކައިރިން ވަރަށް މޮޅަށް ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ރޭގެ ގޯލަކީ ޖައުޝަން ގޯލްޑަން ފުޓްސަލްގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހައިޝަމް ހަސަން އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައިޝަމް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

އޭދަފުއްޓާއި ގާފަރު ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗު އޮންނާނީ މާދަމާ ރޭ 11 ޖަހާއިރު އެވެ. އޭގެފަހުން ޒޯން ފައިނަލުގައި ދެ ޓީމު ވާދަކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.