ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި

ބ. ހިތާދޫ އާއި ކުޑަރިކިލުގައި ވެސް ފުލުހުންގެ ޕޯސްޓް ހުޅުވާ ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޑަރިކިލު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި އެރަށު ކައުންސިލުގެ ރައީސް އަބްދުލް ހަންނާން އައްބާސްއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ފުލުހުންގެ ޚިދުމަތް ވީހާވެސް ގާތުން ލިބޭނެ ގޮތް ހެދުންކަމަށާއި، އެކަމަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.

ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އާއި އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު މުޙައްމަދެވެ. ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަަކައިގައި ވިދާޅުވީ ދިވެހި ފުލުހުން ރެއާއި ދުވާލު ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަނީ ރާއްޖެއަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުންދަނީ ކޮންމެ ރައްޔިތަކަށްވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މި ދެރަށުގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ، ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ހިތާދޫ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.

މިދިޔަ މަހު ބ. ކިހާދޫއާއި މަޅޮހުގައި މިޚިދުމަތް ދޭންވަނީ ފަށާފައެވެ. އަދި މިއަދު އިތުރު ދެރަށުގައި މިޚިދުމަތް ފެށުމާއެކު ބ.އަތޮޅުގައި ހިމެނޭ 13 ރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް މިހާރު ނުފެށި އޮތީ ކަމަދޫ، ދޮންފަނު، ފެހެންދޫ އަދި ފުޅަދޫގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.