ފައިނަލުގެ ކުރިން އޭދަފުއްޓާއި ގާފަރު މިރޭ ވާދަކުރަނީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގެ ފައިނަލަށް ހޮވިފައިވާ އޭދަފުއްޓާއި ގާފަރު، ޒޯން ބުރުގެ ފަހު މެޗުގައި މިރޭ ވާދަކުރާނެ އެވެ.

ގްރޫޕުގެ ފަހު މެޗަށް ނުކުތުމުގެ ކުރިން ދެ ޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ދެޓީމު މޮޅުވުމުންނެވެ.

އޭދަފުށި ވަނީ ކާށިދޫ އާއި ކުރެންދޫއާ ދެކޮޅަށް ކުޅެ، ދެ މެޗު ވެސް 0-3 އިން ކާމިޔާބުކޮށްފަ އެވެ. ގާފަރު ވަނީ ފުރަތަމަ މެޗުގައި 0-8 އިން ކުރެންދޫ ބަލިކޮށް ދެ ވަނަ މެޗުގައި ކާށިދޫ އަތުން 0-4 އިން މޮޅުވެފަ އެވެ.

ފުރަތަމަ ހަތަރު މެޗުގެ ނަތީޖާއާ އެކު ކާށިދޫ އާއި ކުރެންދޫ އަށް ވަނީ ޒޯން ފައިނަލުގެ ފުރުސަތު ބަންދުވެ، މުބާރާތުން ކަޓައިފަ އެވެ.

މިރޭގެ މެޗު އެއްވަރުކޮށްލައިގެން ގޯލު ތަފާތުން އެއް ވަނަ ޓީމުގެ މަގާމް ގާފަރަށް ލިބޭނެ އެވެ. ޒޯން ބުރުގެ އެއް ވަނަ ހޯދަން އޭދަފުށި ޖެހޭނީ ގާފަރު ބަލިކުރާށެވެ. އެކަމަކު މިހާރު ވެސް ފައިނަލަށް ދެ ޓީމު ހޮވިފައިވާތީ އެ ވާދަވެރިކަން ވަނީ ކުޑަވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގާފަރާ ދެކޮޅަށް އޭދަފުށި ނުކުންނަ މިއީ ފުރަތަމަ މެޗެވެ. މީގެކުރިން ދެ ރަށް ވެސް ގޯލްޑަން ފުޓްސަލްގެ ފައިނަލުގައި ކުޅެ ވަނީ ބަލިވެފަ އެވެ. ގާފަރު 2015 ވަނަ އަހަރުގެ ފައިނަލުގައި ހިތާދޫ އަތުން ބަލިވިއިރު 2022 ވަނަ އަހަރުގެ ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ.

އޭދަފުށި ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި ތިމަރަފުށި އަތުން ބަލިވެފަ އެވެ. މުބާރާތުގައި އޭދަފުއްޓާއި ގާފަރު ކުޅޭ މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ. އެ ދެ ޓީމުގެ ފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

ޒޯން ފައިނަލާ އެކު އޭދަފުއްޓާއި ގާފަރަށް ވެސް ވަނީ މުބާރާތުގެ ގަދަ 16 އިން ފުރުސަތު ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.