ވާދަވެރިކަން ނެތް މެޗުގައި ގާފަރު އަތުން އޭދަފުށި ބަލިވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގެ ފަހު މެޗުގައި ގާފަރު އަތުން އޭދަފުށި 0-2 އިން ރޭ ބަލިވެއްޖެ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް އޭދަފުއްޓާއި ގާފަރު ވަނީ ޒޯން ތިނެއްގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެހެންވެ މެޗަށް ނުކުތްއިރު ވެސް ދެޓީމުގެ ވާދަވެރިކަން އޮތީ ކުޑަކޮށެވެ.

މެޗު އޭދަފުށިން ފެށީ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައިޝަމް ހަސަން ބެންޗުގައި ބައިންދައިގެންނެވެ. ހައިޝަމް ނުލައި ކުޅެމުން ދިޔަ މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ގާފަރުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު ވެސް ޖެހީ ޝަނާން ރަޝީދު އެވެ.

ގާފަރުން ދެ ގޯލު ޖެހުމާ އެކު ބެންޗުގައި އިން ހައިޝަމް އަރުވައި އޭދަފުށިން ކުޅުން ރަނގަޅުކުރި އެވެ. މެޗުގެ ބާކީބައި ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅުނީ އޭދަފުށިންނެވެ. އަދި، ގާފަރުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

އޭދަފުށީގެ ހަމަލާތައް ހުއްޓުވުމުގައި ގާފަރުގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒް ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ފައްޔާޒު އެވެ.

މެޗުގެ ފަހު ހާފުގައި ދެޓީމުން ވެސް ވަނީ ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.

ޒޯން ފައިނަލުގައި ގާފަރާ ދެކޮޅަށް އޭދަފުށި ނުކުންނާނީ މާދަމާ ރެ އެވެ.

އެ މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ. ޒޯން ފައިނަލުގެ ޖާގައާއެކު ގާފަރާއި އޭދަފުށި ވެސް ވަނީ ގަދަ 16 އަށް ހޮވިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.