ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ގާފަރު ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގެ ފައިނަލުގައި ރޭ ބ. އޭދަފުއްޓާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ ކ. ގާފަރު ޗެމްޕިއަންކަން ހޯދައިފި އެވެ.

އޭދަފުއްޓާއި ގާފަރުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގާފަރު ކުރި ހޯދީ 5-3 އިންނެވެ.

ޒޯން ޗެމްޕިއަން ގާފަރާއި ރަނަރަޕް އޭދަފުށި ދެން ވާދަކުރާނީ ގަދަ 16 ގަ އެވެ.

ގާފަރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އޭދަފުށީގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. މެޗުގެ ބާކީ ބައިގައި ހަމްޕު ކުޅެފައެއްނުވެ އެވެ. ހަމްޕު ނެތުން ވެގެންދިޔައީ މެޗުގައި އޭދަފުއްޓަށް ލިބުނު ބޮޑު ގެއްލުމަކަށެވެ.

ފުރަތަމަ ހާފުގައި އޭދަފުށީގެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ގޯލު ޖެހީ ބެންޗުން ކުޅެން އަރައި އޭނާ އަށް ލިބުނު ފުރަތަމަ ބޯޅައިގަ އެވެ. އޭގެ އިރުކޮޅެއް ފަހުން ގާފަރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ރިމާހު އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ބޮޑަށް ކުޅުނީ ޑިފެންސަށް ސަމާލުކަން ދީގެންނެވެ. މި ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނެވެ.

އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ގާފަރުން ވަނީ ފަސް ޕެނަލްޓީ ވެސް ވައްދާލާފަ އެވެ. އޭދަފުށީގެ ހަތަރު ޕެނަލްޓީގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓެ) ޖެހި ޕެނަލްޓީ ގާފަރުގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގެ ޕެނަލްޓީއަށް ގާފަރު ޓީމުން އެރުވީ ބަދަލު ކީޕަރެވެ.

ޒޯން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި ޒޯންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގާފަރު ޓީމުގެ ރިމާހު އެވެ.

ރޭ ކުޅުނު ޒޯން ފައިނަލްތަކުން ޗެމްޕިއަންކަން ހޯދި އިތުރު ޓީމުތަކަކީ އއ. މަތިވެރި، ދ. ކުޑަހުވަދޫ އަދި މާލެ މާފަންނު އެވެ.

ގަދަ 16 ގައި އޭދަފުށި ވާދަކުރާނީ މާލެ ހިމެނޭ ޒޯން 8 ގެ ޗެމްޕިއަންކަން ހޯދި މާފަންނުއާ އެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރާ ދުވަހުގެ ރޭ 11 ޖަހާއިރު އެވެ.

ގާފަރު ގަދަ 16 ގެ މެޗުގައި ވާދަކުރާނީ މިރޭ ކުޅޭ ޒޯން ހަތެއްގެ ފައިނަލުން ބަލިވާ ޓީމަކާ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ފުވައްމުލަކު ދަނޑިމަގާއި ސ. ހިތަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.