ކައުންސިލްތަކުގެ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް ފަށަނީ

މިއަހަރު ތެރޭގައި 50 ރަށެއްގެ ކައުންސިލް އޮފީސް ގާއިމު ކޮށްދެއްވުމަށްޓަކައި ބޮޑު މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހދ. މަކުނުދޫގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯއްދަވައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި މި މަޝްރޫއު ފައްޓަވައިދެއްވާނީ 50 ރަށުގައި އެއްފަހަރާކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ މަކުނުދޫގައި ހަދާ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހަދައިދެއްވާނެކަމަ ށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން މުޅި ރަށަށް ތަރައްގީ ލިބިގެންދާގޮތަށް ކުރިއަށް ގެންދަވާނެކަމަ ށެވެ. މީގެ އިތުރުން މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްގީއަށް ނުހަނު މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަން ވައުދު ވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހއ. އާއި ހދ. އަދި ށ. އާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.