
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ގަދަ 16 ގެ މެޗުގައި އޭދަފުށި ފުޓްސަލް ޓީމް މިރޭ މާފަންނާ ދެކޮޅަށް ނުކުންނާނެ އެވެ.
އޭދަފުށި ގަދަ 16 އަށް ދަތުރުކުރީ ޒޯން ފައިނަލުން ޖާގަ ހޯދައިގެންނެވެ. އޭގެކުރިން އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދި އެވެ.
އަތޮޅު ބުރުގައި އޭދަފުށި ވަނީ ކެންދޫ 0-5 އިން ބަލިކޮށް ތުޅާދޫ 1-2 އިން ބަލިކޮށްފަ އެވެ. އަތޮޅު ފައިނަލުގައި ތުޅާދޫ އަތުން މޮޅުވީ 2-5 އިންނެވެ.
ޒޯން ބުރުގައި ކުރެންދޫ އަދި ކާށިދޫއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވީ 0-3 އިންނެވެ. ޒޯން ލީގު ބުރުގެ ފަހު މެޗުގައި ގާފަރު އަތުން ވަނީ 0-2 އިން ބަލިވެފަ އެވެ.
ޒޯން ތިނެއްގެ ފައިނަލުގައި ގާފަރާ ވާދަކޮށް 1-1 އިން އެއްވަރުވެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
މުބާރާތުގެ ގަދަ 16 ގައި އޭދަފުއްޓާ ދެކޮޅަށް މާފަންނު ނުކުންނަނީ މާލެ ސަރަހައްދުގެ ޓީމުތައް ހިމެނޭ ޒޯން 8 ގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.
މާފަންނު ޒޯން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވިލިމާލެއާ 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.
ގޯލްޑަން ފުޓްސަލްގެ ތާރީހުގައި މާފަންނާ އޭދަފުށި ވަނީ 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެއީ މުބާރާތުގައި އޭދަފުށީގެ ފުރަތަމަ ބައިވެރިވުމެވެ.
އެ އަހަރު ސެމީގައި މާފަންނާ ވާދަކޮށް 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ބަލިވީ 6-5 އިންނެވެ.
އޭދަފުއްޓާއި މާފަންނު ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ވާދަކުރަންޖެހޭނީ ތިމަރަފުއްޓާއި އުތީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އޭދަފުށި މެޗުގެ މެޗުގެ އިތުރުން ގަދަ 16 ގެ އިތުރު ހަތް މެޗު މިރޭ ކުޅޭނެ އެވެ. އޭދަފުއްޓާއި މާފަންނު ވާދަކުރާ މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.