
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ގަދަ 16 ގެ މެޗުގައި ރޭ މާލެ މާފަންނާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން 7-5 އިން ކާމިޔާބުކޮށް އޭދަފުށި ފުޓްސަލް ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ. އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އޭދަފުށިން ހަތަރު ޕެނަލްޓީ ވެސް ވައްދާލި އެވެ. މާފަންނުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ.
މެޗުގައި އޭދަފުށީގެ ގޯލުތައް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މާފަންނުގެ ތިން ގޯލު ވެސް ޖެހީ ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ހުސައިން ސުހައިލް އެވެ.
އޭދަފުށި އެއްވަރުވީ ދެ ގޯލުގެ ލީޑެއްގައި އޮވެ ދެ ވަނަ ހާފުގައި ކުޅުން ދަށްވެގެންނެވެ. މާފަންނު އެއްވަރު ކުރި ގޯލަކީ އޭދަފުށިން ފަސް ފައުލް ހަމަވެ، ހަ ވަނަ ފައުލް ކުރުމުން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ޕެނަލްޓީތައް އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އާއި ސެންޓޭގެ އިތުރުން މުހައްމަދު ފާސިރު އަދި މޮޅުވި ޕެނަލްޓީ ޖެހި ހައިޝަމް ހަސަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހައިޝަމް އެވެ.
މެޗުގެ ޕެނަލްޓީ އަށް އޭދަފުށި ނުކުތީ ބަދަލު ގޯލްކީޕަރު އިބްރާހީމް އަފްޒަލްއާ އެކު އެވެ. މާފަންނަށް ކާމިޔާބު ނުކުރެވުނު ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ބޭރަށް ދިޔައިރު އަނެއް ޕެނަލްޓީ އަފްޒަލް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕެނަލްޓީގައި އޭދަފުއްޓަށް ކުރި ލިބުނު ފުރަތަމަ ފަހަރެވެ. މީގެކުރިން މާފަންނާ ވާދަކޮށް 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. ޕެނަލްޓީގައި ދެން ބަލިވީ 2022 އަދި 2023 ވަނަ އަހަރު ކުޑަހުވަދޫ އަތުންނެވެ. އޭގެފަހުން މިއަހަރުގެ ޒޯން ފައިނަލުގައި ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ.
ކުއާޓާ ފައިނަލުގައި އޭދަފުށި ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުއްޓާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެ އެވެ.
އޭދަފުއްޓާއި ތިމަރަފުށީގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގާފަރު، ކުޑަހުވަދޫ، ވިލިމާލެ، މަތިވެރި، ހިތަދޫ އަދި އެންމެ ފަހުގެ ޗެމްޕިއަން ގަމެވެ.