ކާނާ ވިހަވެގެން ފަސްމީހަކު ހިތާދޫ ސިއްޙީ މަރުކަޒުގައި މިއަދު އެޑްމިޓް ކޮށްފި އެވެ.
ހިތާދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ބަނޑަށް ތަދުވެ ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި ފަސްމީހަކު ސިއްޙީ މަރުކަޒުގައި މިއަދު އެނދުމަތި ކޮށްފައިވާ ކަމަށެވެ. ޑޮކްޓަރާ ޙަވާލާދީ އޮފިޝަލް ވިދާޅުވީ އެ ފަސްމީހުންވެސް އެޑްމިޓް ކުރަންޖެހުނީ ކެވުނު އެއްޗެއްގެ ސަބަބުން ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށާޢި ނަމަވެސް ޓެސްޓު ހެދެން ނެތުމުން މިއީ ސީދާ ކާނާ ވިހަވެގެން ދިމާވިކަމެކޭ ވިދާޅުވާން ދަތިކަމަށެވެ.
ހިތާދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ހިތާދޫގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުން ވިއްކި މަސް ކެއުމުގެ ސަބަބުން ފަސްމީހަކު ހިތާދޫ ސިއްޙީ މަރުކަޒުގައި އެޑްމިޓް ކުރިކަމަށެވެ. އެ ދޯނިން ވިއްކި މަސްތައް ވަރަށްބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.