ފުޓްބޯޅަ ލެޖެންޑް ބަލަކް މިއަދު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމަށް

ބަލަކް ޗެލްސީ އަށް ކުޅުނު ދުވަސްވަރު. އޭނާއަކީ ބޮޑު މަގުބޫލުކަމެއް ހޯދި ފުޓްބޯޅަ ތަރިއެއް

ފުޓްބޯޅައިގައި ބޮޑު މަގުބޫލުކަމެއް ހޯދި ޖަރުމަނުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް މިއަދު އޭދަފުށީގައި އޮންނަ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމްގައި ޓްރެއިނިން ސެޝަނެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބަލަކް، 47، މިދުވަސްވަރު ޗުއްޓީ ހޭދަކުރަމުން ގެންދަނީ އޭދަފުށި ކައިރީގައި އޮންނަ ސޮނޭވާފުށި ރިސޯޓުގަ އެވެ. މިއަދު ބަލަކް އޭދަފުއްޓަށް ޒިޔާރަތްކޮށް ޓްރެއިނިން ސެޝަނެއް ކުރިއަށް ގެންދާނެކަން މިހާރު ވަނީ އާއްމުކޮށް އިއުލާންކޮށްފަ އެވެ.

ޓެއިނިން ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. ސެޝަން ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ޓްރެއިނިން ސެޝަންގައި ބައިވެރިވުމަށް ހުރިހާ ކުޅުންތެރިންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ޓްރެއިނިން ސެޝަން ސޮނޭވާފުށި ރިސޯޓުން އިންތިޒާމު ކުރަނީ އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ.

ބަލަކަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ދުނިޔޭގެ ސަމާލުކަން ހޯދި ކުޅުންތެރިއެކެވެ. ބަލަކް ކުޅުނު މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ބަޔާން ލެވަކޫސަން އާއި ބަޔާން މިއުނިކްގެ އިތުރުން ޗެލްސީ ހިމެނެ އެވެ.

ޖަރުމަނު ގައުމީ ޓީމަށް ބަލަކް ވަނީ 98 މެޗު ކުޅެ 42 ގޯލު ޖަހައިފަ އެވެ. ފުޓްބޯޅަ ކެރިއަރު ބަލަކް ފެށީ 1995 ވަނަ އަހަރު އެވެ. ދެހާހުގެ ކުރީކޮޅު މޮޅު ކުޅުމެއް ދެއްކިއިރު ބަލަކް ފުޓްބޯޅައިން ރިޓަޔާކުރީ 2012 ވަނަ އަހަރު އެވެ.

ބަލަކް ވަނީ ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ބަޔާންއާ އެކު ޖަރުމަނު ބުންޑަސްލީގާ ތިން ފަހަރު ހޯދާފަ އެވެ. އެކަމަކު ޖަރުމަނާ އެކު ވޯލްޑް ކަޕް ފައިނަލުގައި ވާދަކޮށް ބަލިވެ، ޔޫއެފޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީގެ ޖާޒީގައި ވެސް ބަލަކް ވަނީ ބަލިވެފަ އެވެ.

ބަލަކް އޭދަފުށީ ފުޓްބޯޅަ ދަނޑަށް މިއަދު އަންނައިރު، މިހާރު ޕީއެސްޖީ އަށް ކޯޗުކޮށްދޭ ތޯމަސް ޓުޗެލް ވެސް ވަނީ ދާދިފަހުން އޭދަފުއްޓަށް ޒިޔާރަތްކޮށް ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޑަކުދިންނަށް ޓްރެއިނިން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އޭދަފުށީގައި އޮތް ފުޓްބޯޅަ ދަނޑަކީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމް އެވެ. އެހެންވެ އޭދަފުށީ ސަރަހައްދުގައި ހިމެނޭ ރިސޯޓްތަކަށް ޒިޔާރަތްކުރާ މަޝްހޫރު ފުޓްބޯޅަ ލެޖެންޑުން މިހާރު އޭދަފުށީ ދަނޑަށް އަންނަނީ ޒިޔާރަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.