ކުއާޓާ ފައިނަލުގައި އޭދަފުށި މިރޭ ފުޓްސަލްގެ ރަސްގެފާނާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގައި އޭދަފުށީ ފުޓްސަލް ޓީމު މިރޭ ތ. ތިމަރަފުއްޓާ ދެކޮޅަށް ނުކުންނާނެ އެވެ.

ތިމަރަފުއްޓަކީ ގޯލްޑަން ފުޓްސަލްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. ރާއްޖޭގެ ފުޓްސަލްގެ އެންމެ ފާހަގަކޮށްލެވޭ ތަރިން އުފައްދައި އެއް ފެންވަރެއްގައި ހިފަހައްޓަމުން އަންނަ އެންމެ މޮޅު ރަށަކީ ވެސް ތިމަރަފުއްޓެވެ.

ތިމަރަފުށި ވަނީ 2016، 2019 އަދި 2022 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ކާމިޔާބުކޮށްފަ އެވެ. 2019 ވަނަ އަހަރު ތިމަރަފުށިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-5 އިން އޭދަފުށި ބަލިކޮށްގެންނެވެ. އޭގެފަހުން 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން އެރަށް ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގާފަރު އަތުން މޮޅުވެގެންނެވެ.

މިއަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ތިމަރަފުށިން ހޯދިއިރު ޒޯން ބުރުން ލިބުނީ ދެ ވަނަ އެވެ. ޒޯން ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ގަން އަތުން ބަލިވީ 2-1 އިންނެވެ. އޭގެފަހުން ގަދަ 16 ގެ ބުރުގައި ހއ. އުތީމު އަތުން 1-4 އިން މޮޅުވި އެވެ.

އޭދަފުށި މިރޭ ތިމަރަފުއްޓާ ދެކޮޅަށް ނުކުންނައިރު، އަތޮޅު ޗެމްޕިއަންކަމާއި ޒޯން ރަނަރަޕްކަން ވަނީ ހޯދާފަ އެވެ. އަތޮޅު ޗެމްޕިއަންކަން ތުޅާދޫ 2-5 އިން ބަލިކޮށް ހޯދިއިރު ޒޯން ފައިނަލުގައި ގާފަރާ ވާދަކޮށަ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ.

ގަދަ 16 ގެ މެޗުގައި އޭދަފުއްޓާއި މާފަންނު ކުޅުނު މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ވަނީ މޮޅުވެފަ އެވެ.

އޭދަފުށި މިއަހަރުގެ މުބާރާތަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އޭދަފުށީ ޓީމުގައި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމަނޭ ހަތަރު ކުޅުންތެރިންގެ އިތުރުން ފުޓްސަލް ގައުމީ ޓިމުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރާނީ ގާފަރު ނުވަތަ ކުޑަހުވަދޫއާ އެވެ.

އޭދަފުއްޓާއި ތިމަރަފުށި ވާދަކުރާ ކުއާޓާ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.