
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލުގައި އޭދަފުށި މިރޭ ގާފަރާ ދެކޮޅަށް ނުކުންނާނެ އެވެ.
އޭދަފުށި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި ތިމަރަފުއްޓާ ވާދަކޮށް 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. ގާފަރު ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ކުޑަހުވަދޫއާ ވާދަކޮށް 2-2 އިން އެއްވަރުވެ ޕެނަލްޓީގައި މޮޅުވެގެންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު ގާފަރާއި އޭދަފުށި ވަނީ މިފަހަރުގެ މުބާރާތުގައި މީގެކުރިން ދެ ފަހަރު ވާދަކޮށްފަ އެވެ. ޒޯން ލީގު ބުރުގައި ގާފަރުން ވަނީ 2-0 އިން އޭދަފުށި ބަލިކޮށްފަ އެވެ. އަދި، ޒޯން ފައިނަލުގައި ދެޓީމުގެ ކުރިމަތިލުން 1-1 އިން އެއްވަރުވިއިރު ޕެނަލްޓީގައި ގާފަރު ކުރި ހޯދީ އެވެ.
ގާފަރާއި އޭދަފުއްޓަކީ މީގެކުރިން މުބާރާތުގެ ފައިނަލުގައި ކުޅެ ޗެމްޕިއަންކަން ނުހޯދޭ ދެ ޓީމެވެ. ގާފަރު ވަނީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ފައިނަލުގައި ބަލިވެފަ އެވެ. އޭދަފުށި ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި ބަލިވެފަ އެވެ.
ގޯލްޑަން ފުޓްސަލްގެ ފުރަތަމަ ސެމީގައި މިރޭ ވާދަކުރާނީ ގަމާއި ވިލިމާލެ އެވެ. ފުރަތަމަ ސެމީ 8:15 ގައި ފަށާއިރު އޭދަފުއްޓާއި ގާފަރުގެ ސެމީ ފަށާނީ 10:15 ގަ އެވެ. ދެ މެޗު ވެސް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 1 ގަ އެވެ.